އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުން ހުއްޓުވުމަށް، އިސްލާމިކް މިނިސްޓްރީއާއެކު ދީނީ އިލްމުވެރިންތަކެއް މަސައްކަތްތަކެއް ފެށުމަށް ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން ބައެއް ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައްދަލުކުރައްވާ ބޭއްވި މަޝްވަރާތަކާގުޅޭ މައުލޫމާތު މީޑިއާއަށް ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މިނިސްޓްރީ އާއި އިލްމުވެރިން ގުޅިގެން ކުރިއަށް ގެންދާނެ ކަންތައްތަކަކަށް އެއްބަސް ވެފައިވާ ކަމަށެވެ.
އެގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ދީނީ ކަންކަމުގައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ ދީނީ އިލްމުވެރިންގެ ޖަމްއިއްޔާއެއް އުފެއްދުމަށް ދެފަރާތުން އެއްބަސްވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މިއަދު މެންދުރު 12:40 އިން ފެށިގެން ހަވީރު 3:00ގެ ނިޔަަލަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުން ހައްލު ކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ އިލްމުވެރިންނަށް ދެއްވައިފައެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައި މިވަނީ، "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ހިމަނާފައިވާ ވާހަކަތަކާ ގުޅިގެން އިލްމުވެރިންނާއި އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށެވެ.
އަދި މައްސަލާގައި އެމްޑީއެން އުވާލަން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.