ޚަބަރު

ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުލަބް ޖަމިއްޔާ ޖަމާއަތްތަކުން އެއްބާރުލުން ދޭންޖެހޭ: ޔޫތް މިނިސްޓްރީ

މަރިޔަމް ޝަހުދާ

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުންކުރާ މަސައްކަތްތަކަށް ރާއްޖޭގައި ހިންގާ ކުލަބް ޖަމިއްޔާ، ޖަމާއަތްތަކުން އެއްބާރުލުން ދޭންޖެހޭ ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެންޑީއެމް)އިން ނެރުނު ރިޕޯޓާ ގުޅިގެން އާންމުން ނުރުހުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި ޔޫތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުރީގެ ސަރުކާރުން އެމްޑީއެމްގެ އެ ރިޕޯޓާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަން ސަރުކާރުގެ ސަމާލު ކަމަށް އައުމާއެކު މިދިޔަ ބުރާސްފަތި ދުވަހު މި ރިޕޯޓުގެ މަައްސަލަ ބަލައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އެމައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ބުނެފައިވެއެވެ.

ޔޫތް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގައި ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުންކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ގާނޫނު އަސާސީގެ އިތުރުން ރާއްޖޭގައި ހެދިފައިވާ ހުރިހާ ގާނޫނުތަކާއި ގަވާއިދު ތަކަށް ރާއްޖޭގައި ހިންގާ ކުލަބް ޖަމިއްޔާ ޖަމާއަތްތަކުން ފުރިހަމައަށް އިހްތިރާމު ކުރުމަށް އެދޭ ކަމަށެވެ.

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ހިމަނާފައިވެއެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޖަމިއްޔާއަށް އަމާޒުވަމުންދާއިރު އެމްޑީއެން އުވާލުމަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ. ނަމަވެސް އެ ރިޕޯޓާމެދު އެމްޑީއެން އިން މިހާރު މާފަށް އެދި، ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ކަމަށް ބުނެ، އެ ރިޕޯޓު އެ ޖަމިއްޔާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.