އިބްރާހިމް ޒަކީ
ހަރަކާތްތެރި މުދައްރިސުންގެ އާ ޖީލެއް ނުއުފެއްދިއްޖެނަމަ، ފެންވަރު ރަގަނޅު ތައުލީމެއް ލިބިގަތުމުން އެތައް ކުދިންނެއް މަހުރޫމްވެދާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން މިދާ ދުނިޔާގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
މި ހިތާބުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ، ވެސް ހަރަކާތްތެރި މުދައްރިސުންގެ އާ ޖީލެއް އުފެއްވުމުގެ މައްސަލައެވެ. އަދި އެއީ އެކަމަކާމެދު އެންމެން ފިކުރު ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މުދައްރިސުން ވަޒީފާތަކުގައި ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަށް ދޭ މުސާރަ އާއި އެމީހުންނަށް ގަދަލުކުރާ މިންވަރު ކުޑަކަވުމަކީ ގޮންޖެހުމެއް ކަމަށެވެ. އަދި މުދައްރިސުންގެ ކުރިމަގު އުޖާލާކަމަށް ނުފެނުމާއި ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުމުގެ ސަބަބުން ވަޒީފާ ދޫކޮށްލާ މުދައްރިސުންގެ ނިސްބަތް މުޅި ދުނިޔޭގައި މަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުދައްރިސުން ވަޒީފާތަކުގައި ދެމެހެއްޓުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ރެފިއުޖީންނާއި ގިނަ ބަސްދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުވުމަކީވެސް ގޮންޖެހުމެއް ކަމަށް މިނިސްޓަރުގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ.
މުދައްރިދުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެ ހިތާބުގައި މިނިސްޓަރު ވަނީ މުދައްރިސުން ކުރަމުންދާ މަސައްކަތަކީ މަތިވެރި ގުރުބާނީއެއްކަން ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ މީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި މުދައްރިސެއް ހުންނާނެކަމަށެވެ. އަދި ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ، އެމީހުންނާ ދިމާވި މުދައްރިސުންކަމަށް ވެސް ވިދާޅުވިއެވެ. އަދި މުދައްރިސްކަމަކީ، އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރުގެ ހިތާބުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަށް ހައްގު ޝުކުރު އަދާކޮށް އެދެވޭ އުޖޫރައެއްް ދިނުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި އެއަށްވިރެ މުދައްރިސުންގެ މަސައްކަތް މާ ބުރަ ކަމަށާއި ގުރުބާބީ މާ މަތިވެރި ކަމަށްވެސް ވިދާޅުވިއެވެ.
:އަޅުގަނޑުގެ ނަޒަރުގައި، މުދައރިސަކަށް ހައްގު ޝުކުރު އަދާ ކުރުމަކީ، އަދި އެދެވޭ އުޖޫރައެއް ދިނުމަކީ، ކުރެވޭނެ ކަމެއްނޫން. އެއަށްވުރެ އެމީހުންގެ މަސައްކަތްމާބުރަ، ވާ ގުރުބާނީ މާ މަތިވެރި،" މިނިސްޓަރު ހިތާބުގައި ވިދާޅުވެފައިވެއެވެ.
މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ "ޒުވާން މުދައްރިސުން: ތައުލީމީ ދާއިރާގެ ކުރިމަގު" އެވެ.