އިބްރާހިމް ޒަކީ
ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓުގައި ހިމެނޭ ކަންކަން ކުށްވެރިކޮށް އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
މި ކަމަށް ގޮވާލައި އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މާތް ﷲގެ ކުޅަދުންވަންތަކަމާއި ރައްބުވަންތަކަމާ މެދު ޝައްކު އުފައްދައި، އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދާލަތުން ބުނީ އެމްޑީއެންގެ މި އަމަލަކީ ރާއްޖޭގެ މިނިވަންކަމާއި އަމްނު އަމާންކަމާއި ދާހިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއްކަން ފާހަގަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި، ޖަމިއްޔާތަކާ ބެހޭ ގާނޫނާއި، ޤާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، ދައުވާ އުފުލަން ޖެހޭ ފަރާތްތަކާމެދު ދައުވާ އުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.
ޖަމިއްއްޔާއެއްގެ ޝަހުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް އަދާލަތުން ބުނެފައިވެއެވެ. އަދި މި ރިޕޯޓަކީ ރާއްޖޭގެ ހާލަތު ކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކޮށްފައިވާ ރިޕޯޓަކަށް ވެފައި، ރިޕޯޓާގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވާތީ ކަމާގުޅޭ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
"މި ރިޕޯޓުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭ ގޮތުން ބައެއް އާންމުންނާއިމެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި މި ޕާޓީން ދެކެމެވެ." ރިޕޯޓްގައި ވެއެވެ.
އަދާލަތުން ބުނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވުމަކީ އިންތިހާޔަށް ކަންބޮޑުވަމެވެ.
"މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް "ސަރޓިފައިކުރެވިފައި ނުވާ" މަދަނީ ޖަމިއްޔާ އަކާއި ހިއްސާކުރެވިފައި ވަނީ ކޮން ގޮތަކުންތޯ ބަލައި ތަހުގީގުކު ރުމަށްވެސް އަދާލަތު ޕާޓީން، ގޮވާލަމެވެ." ރިޕޯޓްގައި ވެއެވެ.