ހއ. ދިއްދޫގައި ސަރުކާރުން އެޅި ފުލެޓްތައް ބޭއިންސާފުން ދޫކުރި ނަމަވެސް، އެ ފުލެޓްތައް ލިބުނު މީހުންގެ އަތުން ފުލެޓްތައް އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިއްދޫގައި ސަރުކާރުން އެޅި 250 ފްލެޓް ބޭއިންސާފުން ދޫކޮށްފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ފުލެޓްތަކުގެ ވެރިފަރާތުން އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި، ފުލެޓް ބޭނުންވާ ފަރާތްތަކަށް އަލުން ފުލެޓް އަޅައިގެން ވެސް ދެވިދާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ފުލެޓްތަކުގައި ވެސް އުޅެނީ ދިވެހިން ކަމަށާއި، އެމީހުން އަތުން ފުލެޓްތައް އަތުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މީގެއިތުރުން ދިއްދޫގައި ސަރުކާރުން އެޅި ފުލެޓްތަކަށް މިއަދު ޒިޔާރަތްކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އަޅަން ފެށި ފުލެޓްތަކަށް އަވަހަށް މީހުން ވަނުން މުހިންމު ކަމަށެވެ. އަދި ''އަސްމާއާއި އޭނާގެ ފިރިކަލުން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ފުލެޓްގައި'' ކަމަށް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ދިއްދުއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލުގެ މެންބަރުން އަދި ކެލާ ކައުންސިލުގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
ނަޝީދު ރާއްޖެ ވަޑައިގަތުމަށްފަހު ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ އައްޑޫ ސިޓީއަށެވެ. އަދި އޭގެ ފަހުން އިއްޔެ ވަނީ ހއ. ދިއްދުއަށް ވަޑައިގެންފައެވެ. ނަޝީދުގެ މިދަތުރުފުޅުތަކުގައި އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.