ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ތައުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ހާސިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ.
އޭގެ ބަދަލުގައި ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހުސިއްޔަތުގެ ހަރުދަނާ ކަމާއި އެދަރިވަރުން އަނެކުންނާ މުއާމަލާތުކުރާ ގޮތާއި ގައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންފަދަ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިހާރުގެ ތައުލީމީ ސިޔާސަތަކީ ރަނގަޅު ތައުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމައަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމުގައެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، މި ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އިލްތިމާސްކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަށް، އދ.ގެ ތައުލީމާއި ސައެންސާއި ސަގާފަތާ ބެހޭ ޖަމްއިއްޔާ (ޔުނެސްކޯ) އިން ކަނޑައެޅުމުގެ މަގުސަދުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
މިކަމުގެ އެންމެ މުހިންމު އެއް މަގުސަދަކީ، މުޖްތަމައާއި ދަރިވަރުން ތަރައްގީކުރުމުގައި މުދައްރިސުން އަދާކުރާ ދައުރާއި، މުދައްރިސުންގެ މަސައްކަތްތައް ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު ބައިނަލްއަގުވާމީ މުޖްތަމައަށް ފަހިކޮށްދިނުމާއި މުދައްރިސުންގެ ހާލަތު ރަނގަޅުކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް އެހީތެރިވެދިނުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ، "ޒުވާން މުދައްރިސުން: ތައުލީމީ ދާއިރާގެ ކުރިމަގު" މި ޝިއާރުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން މި ޝިއާރުން އެނގެނީ، ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ތަރައްގީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމައެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ، ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދެއް ނޫންކަން ފާހަގަކުރައްވައި ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަޣުލަބިއްޔަތަކީ ވެސް ޒުވާނުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، މިއަހަރުގެ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، މުދައްރިސުން ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ އެންމެހައި ބޭފުޅުންނަށްވެސް، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.