އިސްލާމްދީން އަދި ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ހިލާފަށް ލިޔެފައިވާ ބައެއް ވާހަކަތައް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ބަޔާން އާންމުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި އެމަނިކުފާނު އެ ވާހަކަދައްކަވަން "ރީއްޗެއް" ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ''ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށާއި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމާ ދެކޮޅަށް ލިޔެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރިޕޯޓާ ދެކޮޅަށް ރައީސް ޔާމީން ވާހަކަފުޅުދައްކަވަމުންދާ އިރު، ރޮޒެއިނާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެކަމަށް ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
"ތިޔަ ރިޕޯޓު ނުކުތީ ޔާމީނުގެ ވެރިކަމުގައި ނޫންބާ؟ އޭނާ ކީއްވެތަ ތިކަމާ ފިޔަވަޅު ނޭޅީ؟ މިހާރުވެސް އަޅަން ޖެހޭ ފިޔަވަޅެއް އަޅަންވީ. އެކަމަކު ޔާމީން އެވާހަކަ ދެއްކީމަ ރީއްޗެއް ނޫން. އިހުމާލު ވިއްޔާ ވީ މީހަކީ ޔާމީން،" ރޮޒެއިނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީނަށް އެ ރިޕޯޓާ މެދު ފިޔަވަޅެއް ނޭޅުއްވުނީ ރައްޔިތުން އަތުން ވައްކަން ކުރުމުގައި މާ ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަށް ވެދާނެ ކަމަށެވެ.
މިއަދު ހަވީރު ކ. ހުރާގައި ބޭއްވި ޖަލްސާއެއްގައި އިސްލާމީ ވަލީއުލްއަމުރެއްގެ ވާޖިބަކަށް ވާން ޖެހޭނީ ދީނާ ހިލާފު ކަންކަން ހުއްޓުވުން ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ރޮޒެއިނާ ވަނީ މިރޭ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ.
ރޮޒެއިނާ ވިދާޅުވީ ދީނާ ހިލާފު ކަންކަން ހުއްޓުވާ އިރު ވައްކަން ކުރި، އަނިޔާވެރި، ވަލިއްޔުލް އަމުރުކަން ކޮށްފައި ތިބޭ މީހުންނަށް ލިބެން ޖެހޭ ހައްގު އަދަބު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ކުރިން ކުރައްވަންވީ ކަންތައް ކަމަށާއި އެކަން ފަށަންވާނީ އެންމެ މަތިން ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާ އިރު، އެ ކެމްޕެއިނުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.