ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން އުމްރާގެ އަޅުކަން ފުރިހަމަކޮށްފިއެވެ.
ގައުމީ ޓީމުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ނުކުންނަ މެޗަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
އުމްރާގެ އަޅުކަން ފުރިހަމަކުރި ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން އަލުން ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބުނު ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހިމެނެއެވެ. ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމުގެ ޖާޒީ އިން ދަގަނޑޭ ފެނިގެންދިޔައީ މިދިޔަ މަހުގެ ދިހަވަނަ ދުވަހު އަމިއްލަ ގައުމުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ރާއްޖެ ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ.
މިމަހުގެ ދިހަވަނަ ދުވަހު ދުބާއީގައި ސީރިއާއާ ދެކޮޅަށް ކުޅޭ ކޮލިފައިން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ސައުދީއަށް ގޮސްފައިވަނީ ކްލަބު އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ނުލައެވެ.
ސެންޓޭ އާއި ރިޒޭއަކީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗަށް ވިސާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާއަށް ދަތުރުކޮށްފައި ނުވާތީ އާއި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ އެފްއޭއެމް އިން 50،000 ރުފިޔާ އިން ޖޫރިމަނާކުރި ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންނަށް ޖޫރިމަނާ ފައިސާ ދައްކައިދީފައިވަނީ އީގަލްސް އިންނެވެ.
ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ރާއްޖެއިން ވަނީ މެޗެއް ކުޅެފައެވެ. އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ލަނޑުން އެ މެޗުން ރާއްޖެ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އޮތީ ގުއާމްއާއި ޗައިނާއާއި ސީރިއާ އަދި ފިލިޕީންސްއާއެކު "ގްރޫޕު އޭ"ގައެވެ.