ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ޓީމުން މުބާރާތަށް ދިޔައީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ކޯޗު މުހައްމަދު އާދަމް ބުނެފިއެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް ބޫޓާނުގައި މިހާރު ފެށިގެން ކުރިއަށްދާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ބަންގްލަދޭޝާއި އިންޑިއާއެވެ. އެ ދެ ޓީމުން ކުޅުނު ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާ އިން 1-0 އިން ބަންގްލަދޭޝް ބަލިކުރި އިރު، އެ ދެ ގައުމަކީވެސް މުބާރާތުގެ ފެވަރިޓުންނެވެ.
ރާއްޖެއިން މި އަހަރު ފުރަތަމަ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު، މުބާރާތް ފެށުމުގެ ކުރިން ޕްރީ ޓޯނަމެންޓް ޕްރެސްގައި ކޯޗު މުހައްމަދު އާދަމް ބުނީ ކުޅުންތެރިންނަށް އިތުބާރު އެބަ އޮތް ކަމަށެވެ.
"އަހަރެމެން މި އައީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން. އަހަރެން އިތުބާރުވެސް ކުރަން އަހަރެންގެ ކުޅުންތެރިންގެ ހުނަރާއި އެ ކުދިންގެ ގާބިލުކަމަށް. މިދިޔަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނު. އެހެންވިޔަސް، މިހާރު އޭގެފަހުން ރަނގަޅު މެޗުތަކެއްވެސް ކުޅެ، މިހާރު ތައްޔާރަށް ތިބީ،" ކޯޗު ބުންޏެވެ.
މުހައްމަދު އާދަމް ބުނީ ގައުމީ ޒުވާން ޓީމުގެ ކުޅުމަށް އެންމެންވެސް ފަހުރުވާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެވަރުގެ ކުޅުމަކަށް އުންމީދުކުރާ ކަމަށެވެ. މީގެ ކުރިން ޓީމުން ކުޅެފައިވާ މުބާރާތްތައް ކައިރިން ބަލާފައިވާ ކަމަށާއި އެ މެޗުތަކުގައި ހެދުނު ގޯސްތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރަން ބޮޑު ކުރިއެރުންތަކެއް މިހާރު ހޯދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ސީނިއާ ޓީމަކާއި 19 އަހަރުން ދަށުގެ އިތުރުން އެކަޑެމީތަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތައް އެހީއަކަށްވި ކަމަށް ފާހަގަކުރަމުން މުހައްމަދު އާދަމް ބުނީ، ރާއްޖެ މި ވަގުތު އޮތީ މުބާރާތުގައި ނަތީޖާ ނެރެވޭނެ ފެންވަރުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޕްރީ ޓޯނަމެންޓް ޕްރެސްގައި ރާއްޖޭގެ އެންމެ މުހިންމު ކުޅުންތެރިޔާ، ދާދި ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅުނު މުހައްމަދު އިލާން އިމްރާން ބުނީ ރާއްޖެ އޮތީ އުނދަގޫ ގްރޫޕެއްގައި ނަމަވެސް މި ވަގުތު ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
ރާއްޖެއިން މި ފަހަރުގެ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:00 ގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.