ޚަބަރު

ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު އެތަނަށް ފުލުހުން ގޮސް، މިރޭގެ ވަގުތެއްގައި އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފަސް ބިދޭސީއަކު ހައްޔަރުކޮށް މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހުވެސް ވަނީ މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު، ފުލުހުން ބުނީ އެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.