މިނިސްޓްރީ އޮފް ފިނޭންސްގެ އޮފީސް އިމާރާތުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ 25 ފަންގިފިލާގެ އޮފީސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރީ މަޝްރޫއަށް ބޭނުންވާ ވަރަށް ފައިސާ ހަމަނުޖެހެނީސް ކަމަށާއި އަދިވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އޮފީސް އިމާރާތުގެ މަސައްކަތުން ލިބޭނެ މާލީ ގެއްލުން ކުޑަކޮށް މަޝްރޫއުގެ ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިވަގުތު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ 25 ފަންގިފިލާގެ އޮފީސް އިމާރާތަކީ، އެންމެ ފުރަތަމަ މާލޭގެ 379 ނަންބަރު ކޮށީގައި (މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސްއާ އިންވެގެން) ސަރުކާރުން ތަރައްގީކުރަން ފެއްޓި މަޝްރޫއެކެވެ. އަދި ސަރުކާރުގެ ބިޑް އުސޫލުގެ ދަށުން މި މަޝްރޫއަށް ކޮންޓްރެކްޓަރެއްގެ ގޮތުގައި މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ޑަބްލިއުޒެޑްއާރު ޕްރޮޕަރޓީ އެސްޑީއެން ބޭއެޗްޑީ ގުރޫޕް" ކަޑައަޅައި އެފަރާތާއި ސަރުކާރާ ދެމެދު 122،793،608.80 މިލިއަން ޑޮލަރުގެ "ޑިޒައިން ބިލްޓް މޮޑެލް"ގެ އެއްބަސްވުމެއްގައި ސޮއިކުރީ 2016 ވަނަ އަހަރުގެ މާޗް މަހުއެވެ.
ނަމަވެސް ނިމިގެންދިޔަ ސަރުކާރުން ވަނީ މި މަޝްރޫއު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ނިންމައިފައެވެ. އެގޮތުން ނޮވޭޝަން އެގްރީމެންޓެއްގެ ދަށުން އިމާރާތުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ހަވާލުކުރީ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހޭނީސް ކަމަށް އެޗްޑިސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މި މަޝްރޫއު އެޗްޑިސީއަށް ބަދަލުކުރުމުގެ ކުރިން 7.9 މިލިއަން ޑޮލަރު ސަރުކާރުން ކޮންޓްރެކްޓަރަށް ދައްކާފައިވަނީ މަޝްރޫއުގެ ފައިނޭންސް ހަމަނުޖެހެނީސް ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރު މަޝްރޫއު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާ ގުޅިގެން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެފައިވާ ކަމަށާއި އެޗްޑީސީއަށް މަޝްރޫއު ބަދަލުވި ފަހުން ފާއިތުވެގެންދިޔަ އަހަރުތަކުގައިވެސް މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެހިފައި ނުވާ ކަމަށެވެ.
މި މަޝްރޫއަކީ އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ބޭރުން ކުއްލި ގޮތަކަށް ސަރުކާރުން ހަވާލުކުރި މަޝްރޫއެއް ކަމުން އެޗްޑީސީ ވަނީ ބިޔަ ލޯނަކާ ހަވާލުވެފައި ކަމަށާއި އެ ލޯނު އަނބުރާ ދެއްކެން އޮތީ 2000 އަކަފޫޓުގެ 200 އާ ގާތްކުރާ އަދަދުގެ އޮފީސް ސްޕޭސް މަދުވެގެން އަކަފޫޓަކަށް 60 ރުފިޔާގެ މަގުން ކަނޑަ އެޅިގެން ކަމަށް އެ ކުންފުނިން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ރޭޓަކީ މިހާރު ރާއްޖޭގެ ރޭޓްތަކާ އަޅާކިޔާއިރު އެކަށީގެންވާ ރޭޓެއް ނޫންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރަށް ބަލައި 30 މިލިއަން ޑޮލަރު މެލޭޝިއާގެ ކުންފުންޏަަށް ދިނުމާ ބެހޭގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ. އެގޮތުން އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމަކުން އެޗްޑީސީ ސަލާމަތްކޮށް މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި މަޝްރޫއަށް ބޭނުންވާ 100 އިންސައްތަ ފައިސާ ހަމަޖެއްސުމަށް މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.