ކުދީން ބެލުމާއި ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާ ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަ ގޮތްތައް އިހުތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދީން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާ ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިހުތިޔާރު ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، "މަމްސް" ޖަމިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާ ހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަނާ ވަނީ ހުރިހާ މައިންނަށް އަދި ހާއްސަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ފަޒްނާ ވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި "މަމްސް" ޖަމިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "މަމްސް" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.
"މަމްސް އެކްސްޕޯ" އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުސަތު ފަހިކޮށްދީ، އަންހެނުން ބާރުވެރިކުރުވުން ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.