ޚަބަރު

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: މައުމޫން

އާނިފާ ހުސެއިން ސިރާޖް

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ހޯމް މިނިސްޓްރީއާއި ފުލުހުން ޓެގުކުރައްވާ ވިދާޅުވީ އިސްލާމްދިނަށާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.

"އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް." މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައިސް މައުމޫން މިހެން ބުނެފައިމިވަނީ 2015 ވަނަ އަހަރު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި، ގުރުއާނާއި ސުންނަތާއި ހިލާފު ކަންކަން ހުރިކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކޮށް މި މައްސަލަ ވަރަށް ބޮޑަަށް ފެންމަތިވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާ އިރު، އެ ކެމްޕެއިނުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.