ޚަބަރު

ފޮރިން މިނިސްޓަރު އިސްތިއުފާދެއްވުމަށް ޖަމީލު އުސްމާނުވެސް ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާތީ، މަގާމުން އިސްތިއުފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ގޮވާލައްވައިފިއެވެ.

ޖަމީލު އުސްމާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. އާސިމްގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ތުހުމަތު ކުރެވިފައިވާތީ، ވަގުތުން އިސްތިއުފާ ދެއްވުން ނޫނީ މަސައްކަތުން އެކަހެރިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އަދި އެމައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ޑރ. އާސިމްގެ މައްޗަށް ކޮށްފައިވާއިރު، އެމައްސަލަ އެ މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މިނިސްޓަރު ޑރ. އާސިމްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ތުހުމަތު ކުރެވުމުން، މަގާމުން އިސްތިއުފާދެއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި، ސްރީލަންކާ އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން (މުންދު) އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް ވަނީ ގޮވާލައްވާފައެވެ.