ރައީސް ޔާމީން

އެހެން މީހުން ކޮށްފައި ހުރި ކަންކަމުން ވައްކަން ކުރުން މި ސަރުކާރުން ހުއްޓާލަން ޖެހޭ: ޔާމީން

އެހެން މީހުން ކޮށްފައި ހުރި ކަންކަމުން އަމިއްލައަށް ކްރެޑިޓް ނަގައި، ވައްކަން ކުރުން ހުއްޓާލުމަށް މި ސަރުކާރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކ. ހުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއް އަހަރު ވެގެންދާ އިރު، މި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ކަރުދާހަށް ތިރިކުރެވުނީ އަދި ކިރިޔާ ކަމަށެވެ. މި ސަރުކާރުން ރިސޯޓުތައް ހުޅުވަން ކޮށްފައިވާ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ ރިސޯޓުތަކުގެ މަސައްކަތް ފެށިއިރު މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރެއްވީ ރާއްޖެއިން ބޭރުގައި ފިއްލެވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ތިމަންނަމެން ވައުދުވި ގޮތަށް 19 ރިސޯޓު ހުޅުވައިފީމޭ އެބަ ވިދާޅުވޭ. އެއީ ވައުދުވި ގޮތޯ. އެކަމަކު އެއީ އެބޭފުޅުންގެ ވައުދެއް ކަމަށްވަންޏާ، އޭރު އެބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރުގައި ފިއްލަވަން. ރިސޯޓެއް ހުޅުވާކަށް އެބޭފުޅުން ކުރެއްވި މަސައްކަތެއް ނޯންނާނެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ރިސޯޓު ހަދަމުން ގޮސް، ނިމުމަކާ ހަމައަށް ގޮސްފައި ހުރި ކަންތައްތައް. އެހެން މީހުން ކޮށްފައި ހުރި ކަންކަމުން ވައްކަން ކުރުމުގެ ވާހަކަ މި ބޭފުޅުންނަށް މި ދެއްކެވެނީ. ކުރަން ނުވާ ކަމަކީ ކޮށްފައި ހުރި ކަންކަމުން ވައްކަން ކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސިނަމާލެ ބުރިޖަކީ މި ސަރުކާރުން ހެދި ބުރިޖެއް ކަމަށް ބުނެ ކުޑަކުދިން ކައިރީގައި ވެސް ދޮގު ހަދަމުންދާ ކަމަށާއި ފެންނަމުންދަނީ ކުޑަކުދިން ކައިރިން ވެސް މި ސަރުކާރަށް އަރައިނުގަނެވިގެން އުޅޭ މަންޒަރު ކަމަށެވެ. އަދި އެތައް ފައިސާތަކެއް ހަރަދުކޮށްގެން ވެސް މިއަދާ ހަމައަށް މި ސަރުކާރަށް ވީ އެއްވެސް ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.