ޚަބަރު

މިދިޔަ މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލި ރިސޯޓުން

އާނިފާ ހުސެއިން ސިރާޖް

މިދިޔަ ސެޕްޓެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ރިސޯޓަކަށް ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު ވެއްޖެއެވެ.

މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޮއްމުލި ރިސޯޓުން ވަނީ މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 9،590.16 ރުފިޔާ ބަހަައިފައެވެ.

މިދިޔަ ޖުލައި މަހުވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވޮއްމުލި ރިސޯޓުންނެވެ. ނަމަވެސް ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު ދީފައިވާ އަދަދަކީ 1،598.13 ރުފިޔާ މަދު އަދަދެކެވެ. ވޮއްމުލި ރިސޯޓުން ޖުލައި މަހު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ ބޮލަކަށް 11,188.29 ރުފިޔާއެވެ.

ބޮލަކަށް 9,560.40 ރުފިޔާއާއެކު މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. ތިންވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އަނަންތަރަ ކިހަވަށް ވިލާސް އިންނެވެ. މި ރިސޯޓުން ވަނީ ވޭތުވެދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 9,400.96 ރުފިޔާ ދީފައެވެ.

ޖުލައި މަހާ އަޅާ ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ހުރިހާ ރިސޯޓެއްގެ ވެސް ޗާވިސް ޗާޖް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުން އިއްޔެ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިސޯޓްތަކުން 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ނަގަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އޮގަސްޓް މަހު ފާސްކޮށްފައެވެ.