ޚަބަރު

މަމްސް އެކްސްޕޯ 2019 ފަށައިފި

އާނިފާ ހުސެއިން ސިރާޖް

މަމްސް އެކްސްޕޯގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން މަމްސް އެންޖީއޯ އިން ކުރިއަށްގެންދާ "މަމްސް އެކްސްޕޯ 2019" މިއަދު ފަށައިފިއެވެ.

މިއީ މުޖުތަމައުގައި އުޅޭ ވިޔަފާރިވެރި އަންހެނުންނަށް ނުވަތަ މަންމައިންނަށް އެހީވުމަށާއި އަންހެނުން ބާރުވެރިކުރުމަށް މަމްސް އެންޖީއޯ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. އަދި މި އެކްސްޕޯގެ އެންމެ ބޮޑު އެއް މަގުސަދަކީ އެފަދަ އަންހެނުންގެ ވިޔަފާރި މިހާރު ހުރި ވަރަށް ވުރެ އެހެން ލެވެލްއަކަށް ގެންގޮސްދިނުން ކަމަށް މަމްސް އެންޖީއޯ އިން މައުލޫމާތުދެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ މި އެކްސްޕޯގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން މަމްސް އެކްސްޕޯ އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދެވެ.

މި ރަސްމިއްޔާތުގައި ފްސްޓްލޭޑީ ދެއްކެވި ވާހަކަފުޅުގައި ނޮން ޖަޖްމަންޓަލް ގޮތެއްގައި އަންހެނުން ބާރުވެރިކޮށް އެހީވުމަށް މަމްސް އެންޖީއޯއިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެކަމަށް ތައުރީފުކުރައްވާފައިވެއެވެ.

މި އެކްސްޕޯގެ އިތުރުންވެސް މަމްސް އެންޖީއޯ އިން އަންނަނީ އެނުއަލް ފިޓްނަސް ބައްދަލުވުންތަކާއި މާލި ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް އެހީވުމަށް ފަންޑު ރެއިސިން ފަދަ ތަފާތު އެތައް ޕްރޮގުރާމުތަކެއް މަންމައިންނަށް އެހީތެރިވުމަށް ހިންގަމުންނެވެ. އަދި ޔަމަނުގެ މުސްލިމުންނަށް އެހީވުމަށްވެސް މަމްސް އެންޖީއޯ އިން އަންނަނީ ފަންޑް ރެއިސިން ޕްރޮގުރާމުތައް ހިންގަމުންނެވެ.

މަމްސް އެންޖީއޯ ފުރަތަމަ ފެށިގެން އައީ ފޭސްބުކް މެދުވެރިކޮށް 2016 ވަނަ އަހަރުއެވެ. މަމްސް އެންޖީއޯގެ ނަމުގައި ހިންގަމުން އަންނަ ފޭސްބުކް ފޭޖުގެ މެންބަރުންގެ އަދަދު 29،000 އަށް އަރާއިރު، މިއީ މަންމައިންނަށާއި ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށް ދިމާވާ އެކި ކަންކަމަށް އެހީވުމަށް އުފައްދާފައިވާ ޖަމުއިއްޔާއެކެވެ.