ޚަބަރު

އައްޑޫ ޓޫރިޒަމް ޒޯނުގައި ގެެސްޓްހައުސް އަދި ސިޓީ ހޮޓާ އަޅަން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ފަތޯނާ ފާއިޒު

އައްޑޫ ސިޓީގެ ޓުއަރިޒަމް ޒޯންތަކުގައި ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ދޫކުރުމަށްޓަކައި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ޒޯންތަކުގައި ގެސްޓްހައުސް، އަދި ސިޓީ ހޮޓާ ތަރައްގީ ކުރަން ފުރުސަތު ހުޅުވާލި އިރު، އެ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް 4000 އެނދު އިތުރުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކުރީ މިދިޔަ މަހުގެ 29ގައެވެ.

އެ ސަރަހައްދުތައް ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓް އެކުލަވާލައި، އެތަންތަން ލޭންޑްސްކޭޕް ކުރުމަށާއި އެކަމާ ގުޅިގެން ބީޗް ތަރައްގީކުރުން ފަދަ މަޝްރޫއުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން ގެސްޓް ހައުސް ތަރައްގީ ކުރުމަށް ބައި ހެކްޓަރުން ފެށިގެން ތިނެއް ބައި ހެކްޓަރާ ދެމެދުގެ ބިން ދޫކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނީ އެސިޓީގައި ފަތުރުވެރިކަމުގެ ޒޯންތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން ބޭނުންވާ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ބިޑް ވިއްކާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 12:00އާ ހަމައަށް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ދިވެއްސަކަށް ބިޑް ވިއްކަނީ 2000 ރުފިޔާއަށެވެ. އަދި ބިދޭސީއަކަށް ބިޑް ދޫކުރަނީ 300 ޔޫއެސް ޑޮލަރަށެވެ. އަދި ބިޑްތައް ބަލައިގަތުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަަ ދުވަހުގެ 11:00ގައި އައްޑޫ އީކުއޭޓަރ ވިލެޖުގައެވެ.

އައްޑޫ ސިޓީގައި ގެސްޓް ހައުސްއާ ސިޓީ ހޮޓާ ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ ހަވަނަ ދުވަހުއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިއުލާން