އަންނަ މަހުގެ 29ގައި އުރީދޫ ކަލާ ރަން ބޭއްވުމަށް ނިންމައި، އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ އިން މައުލޫމާތުދޭ ގޮތުގައި އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯއެއް ވެސް ބޭއްވިގެންދާނެއެވެ.
ހުޅުމާލޭގައި ބާއްވާ އުރީދޫ ކަލާ ރަންގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. މިގޮތުން ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރކޮށްދޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ ސިއްހަތަށް ފައިދާ ހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.
އުރީދޫ ކަލާ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އާއި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވައެވެ.
އުރީދޫ އިން ބުނީ ކަލާ ރަން ދުވަހުގެ ތަފާތު ހަރަކާތްތަކާއި ޕާޓްނަރުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިއްސާކުރެވޭނެ ކަމަށެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އުރީދޫ ކަލަރ ރަންގެ އިވެންޓް ޕާޓްނަރަކީ ޔުނިކްސް ސްޕޯޓިންގެވެ.
މިއަހަރުގެ ޖޫން މަހު އައްޑޫގައި އުރީދޫ ކަލާ ރަންއެއް ބޭއްވިފައިވާ އިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލާ ރަންއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް މި ދުވުމުގައި ބައިވެރިވުމަށް އުރީދޫ އިން ދައުވަތު އަރުވައެވެ.