ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މާބޮޑަށް ފައިދާ ލިބޭ ކަމަށް ވިދާޅުވެ އެފައިދާ ކުޑަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކްރޮސްރޯޑްސްގައި ކުރިއަށްގެންދިޔަ ޓޫރިޒަމް ކޮންފަރެންސްގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންމުންނެވެ.
ފައްޔާޒު ވިދާޅުވީ އިތުރު ބޭންކުތައް އައިސް މިހާރު އޮތް މޮނޮޕޮލީ ބަދަލުވާން ޖެހޭ ކަމަށާއި އިގުތިސާދު ކުރިއަށް ގެންދަން މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަށް އިތުރު ބޭންކުތައް ގެންނަން މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޭންކިންގެ ވިޔަފާރިއަކީ އެހެން ވިޔަފާރިއެކޭ އެއްގޮތަށް ރިސްކު ނަގާ ވިޔަފާރިއަކަށް ވާންޖެހޭ ކަމަށެވެ. ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާތަކާއި ބޭންކުން ނަގާ ޕީނަލް އިންޓްރެސްޓް ވެސް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ 10 ޕަސެންޓް ނުވަތަ 12 ޕަސެންޓުގެ އިންޓްރެސްޓް ނެގުމަށް ފަހު ޖޫރިމަނާއަށް އިތުރު ފަސް ޕަސެންޓް ނެގުމަކީވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުފައެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ. ބީއެމްއެލްގައި 279،000 ކަސްޓަމަރުން ތިބެއެވެ.