މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓުވެ، ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ

ފަތޯނާ ފާއިޒު

އައްޑޫ ސިޓީ މަރަދޫފޭދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 55 އަހަރުގެ އަލި މަނިކު މަރުވެއްޖެއެވެ.

މަރަދޫފޭދޫގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮލަށް ޒަހަމްތަކެއް ލިބުމުން އެ ދުވަހުގެ ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވާ އިރު، އޭނާ ނިޔާވިކަން އައިޖީއެމްއެޗުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމީހާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

އަލި މަނިކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ދެވަނަ ސައިކަލު ދުއްވީ އުމުުރުން 17 އަހަރުގެ ކުއްޖެކެވެ. އެކްސިޑެންޓު ވުމާއެކު އެކުއްޖާ ފިލުމުން ފުލުހުންނަށް އޭނާ ފެނުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސް ހުއްޓައެވެ.