ޚަބަރު

އިންޑިއާގެ ފުރަތަމަ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ، އެޑެކްސް އިންޑިއާ-މުމްބާއި ޑައިވް ޝޯ އާއެކު ހައިރައިސް ތާރީހުގެ ތެރެއަށް

ފަތޯނާ ފާއިޒު

އިންޑިއާގައި ބާއްވާ ފުރަތަމަ ޑައިވް އެކްސްޕޯ، އެޑެކްސްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން ހައިރައިސް އިން ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

މިއަދު ހެނދުނު 10:00ގައި އިންޑިއާގެ މުމްބާއީގައި ފެށި މި އެކްސްޕޯ މިމަހުގެ ހަވަނަ ދުވަހަށް ކުރިއަށްދާނެއެވެ. މި އެކްސްޕޯގައި ދުނިޔޭގެ ބޮޑެތި ޑައިވް ޑެސްޓިނޭޝަންތަކާ ޑައިވް ސްކޫލްތަކާ ރިސޯޓްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބޭފުޅުން ތަގުރީރު ކުރައްވާނެއެވެ. ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ކެއިމޫ ހޮޓެލްސް އެންޑް ރިސޯޓްސް، ވިލާ ހޮޓެލްސް، ކޮކޫން މޯލްޑިވްސް، އަދާރަން ރިސޯޓްސް، ޔޫއެން މީ ބައި ކޮކޫން، ހެރިޓެންސް އާރަށް، އައްޑޫ ޑައިވް، ޕެބްލްސް އިން، މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން ހިމެނެއެވެ. ހައިރައިޒްއަކީ މި އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ހިމެނުނު ހަމައެކަނި ރާއްޖޭގެ ކުންފުންޏެވެ.

މި އެކްސްޕޯގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ޑައިވް އިންސްޓްރަކްޓަރުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ތަގުރީރު ކުރައްވާނެއެވެ. އަދި ކަނޑުއަޑީގެ ފޮޓޯގްރާފަރު މުހައްމަދު ސީނީދާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމުވެސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

އެޑެކްސް އިންޑިއާ-މުމްބާއީ ޑައިވް ޝޯއަކީ އެގައުމުގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ޑައިވް އެކްސްޕޯއެެވެ. އެޑެކްސް ބްރޭންޑަށް 25 އަހަރު ފުރިފައިވާ އިރު، އެޑެކްސް ބާއްވާ ތަންތަނުގެ ތެރޭގައި ސިންގަޕޫރު، މެނީލާ، ޝަންހާއީ އަދި ބެއިޖިން ހިމެނެއެވެ.

އެޑެކްސް އިންޑިއާގެ ޕާޓްނަރުންނަކީ ސިންގަޕޫރުގެ އޭޝިއަން ޖިއޮގްރަފިކް އާއި އިންޑިއާގެ އިވެންޓްސް ސޮލިއުޝަންގެ އިތުރުން ރާއްޖޭގެ ހައިރައިސްއެވެ.