ޚަބަރު

އިސްލާމިކް މިނިސްޓްރީއަކީ މި ގައުމުގެ ހަލާކު: ޝަހިންދާ

ފަތޯނާ ފާއިޒު

އިސްލާމިކް މިނިސްޓްރީއަކީ މި ގައުމުގެ ހަލާކު ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ ޝަހިންދާ އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޑިމޮކްރަސީ ނެޓްވޯކުން ހެދި އެސެސްމެންޓް ރިޕޯޓެއްގައި އިސްލާމް ދީނަށް ފާޑު ކިޔައިފައިވާތީ އެނެޓްވޯކަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޝަހިންދާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިއޮއްހާ ދުވަހު މީހުން މަރައި، ވަގަށް ނަގާ ހެދީ ކޮން ދީނެއްގައި އޮތް ގޮތަށްތޯ ސުވާލު އުފައްދާފައެވެ.

އަދި އެފަދަ އަމަލުތައް ކުރާ މީހުންނަށް އިސްލާމިކް މިނިސްޓްރީން އަޅާ ނުލާ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީއެންއާ ދެކޮޅަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ޓްވީޓު ކުރައްވާފައިވާތީ ޝަހިންދާ ވަނީ މަހުލޫފުވެސް އެ ޓްވީޓުގައި ޓެގް ކުރައްވައިފައެވެ.

"އެކަމަކު ނަމަ ނަމަ މަހުލޫފުވެސް އިސްލާމިކް މިނިސްޓްރީވެސް މި ރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރަން ގޮވައި، ބިރުދައްކައި، ޒުވާނުން ހަލާކު ކުރާ ބަޔަކާ އަޅާ ނުލާތި. ކަލޭމެން ތިއީ މި ގައުމުގެ ހަލާކު. ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިއަސް ކަލޭމެން ތިއްބައި މި ގައުމު އަމާނެއް ނުވާނެ،" ޝަހިންދާ ވިދާޅުވިއެވެ.

އެމްޑީއެންއިން 2016ގައި ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ކީރިތި ރަސޫލާއަށް ފުރައއްސާރަ ކޮށްފައިވާތީ ގިނަ ބަޔަކު ނުރުހުން ފާޅު ކުރުމުން، އެމްޑީއެންއިން ވަނީ އެ ރިޕޯޓް ނެގުމަށްފަހު މައާފަށްވެސް އެދެފައެވެ. އަދި އެމްޑީއެންގެ މީހުންނަށް ބިރު ދައްކައި، މަރުގެ އިންޒާރު ދިނުމުގެ ކަންކަންވެސް، އެ ރިޕޯޓާ ގުޅިގެން އަދިވެސް ކުރިމަތިވަމުން އަންނަ ކަމަށާއި، އެ ނެޓްވޯކްގެ މީހުންގެ ނަން ބޭނުންކޮށްގެން މީހުންގެ ހިތްތަކުގައި ނަފްރަތާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަަމަށް އެ ނެޓްވޯކުން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެކަން ނުބަލަނީސް "ހުއްޓާނުލާނެ" ކަމަށް ޝަހިންދާ ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ބައެއް މީޑިއާތަކުންވެސް ދޮގު މައުލޫމާތު ފަތުރައި، މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއްގެ ފާހަގަކުރައްވައި އޭނާ ވަނީ ކުއްލިއަކަށް އެ ރިޕޯޓް ފެނިގެން އުޅެނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ސަބަބުންތޯ ސުވާލު އުފައްދަވައިފައެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން، އެ ނެޓްވޯކާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފަށައިގެން ކުރިއަށް އެބަދެއެވެ. އެ ކެެމްޕެއިނުގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން ގިނަ އާންމު ރައްޔިތުންވެސް އަންނަނީ އެމްޑީއެން ބަންދު ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.