ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވުމަށް އިންޑިއާގައި ހުންނަވާ ދިިވެހި ސަފީރުވެސް ގޮވާލައްވައިފި

ފޮރިން މިނިސްޓްރީގެ އަންހެން ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ރައްދު ވަނީ މިނިސްޓަރު ޑރ. މުޙައްމަދު އާސިމަށް ކަމަށާއި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވެސް ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވެފައި ވަނިކޮށް، އަހުމަދު މުހައްމަދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުންދުގެ އެ ގޮވައިލެއްވުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

"މުންދުގެ އެގޮވައިލެއްވުމަށް އަޅުގަނޑު ފުރިހަމަ އަށް ތާއީދުކުރަން. އެންމެ ކުޑަމިނުން އޮފީހަށް ނިކުމެވަޑައިނުގެން މަޑުކުރައްވާނެ ކަމަށް އުއްމީދުކުރަން." އަހުމަދު މުހައްމަދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އަހުމަދު މުހައްމަދު އިތުރަށް ވިދާޅުވީ ކުރެވިފައިވާ ތުހުމަތު ތަކާ ގުޅިގެން މިނިސްޓަރުގެ އަމިއްލަފުޅު ބަޔާނެއް ވެސް ނެރުއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.