ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ އިސްވެރިން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކުގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާލުކުރި މަޝްރޫއުތައް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއަހަރަށް ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެގެން ދިޔައިރު 50 ބިލިއަން ރުފިޔާއިން ރައްޔިތުން ދަރަނިވެރިކޮށްފި ކަމަށެވެ.
އަދި ސަރުކާރަށް ކަނޑައެޅި ބަޖެޓް ހުސްވި އިރު ތަރައްގީއަށް އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށާއި މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކަކީ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ އަދި ހަވާލުކުރަން ނިންމާފައިވާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
''ކޮބާހޭ ކުރީގެ ސަރުކާރުން ފެށި މަޝްރޫއުތައް. ރައީސުލްޖުމްހުރިއްޔާވެސް ޕޯޑިއަމަށް އަރާ އެބަ ވިދާޅުވޭ ސަރުކާރުގެ މަޝްރޫއުތައް ދަނީ ކުރިއަށޭ. ވިދާޅުވެ ބަލާށޭ ކުރިއަށް ދަނީ ކޮންކޮން މަޝްރޫއުއެއްކަން. ނުކެރޭނެ ވިދާޅުވާކަށް. މިސަރުކާރު އައި އިރުގައި މިސަރުކާރަށް ވާރުތަވެފައިވާ 272 މަޝްރޫއު އޮންނާނެ، ގައިމު އެ މަޝްރޫއުތައް ހިންގަންވާނެ. މިކަމަށް އެބަ ޖެހޭނޫންތޯ ސަރުކާރުން، ރައީސް އޮފީހުންވެސް ޖަވާބުދެއްވަން. އެއްވެސް ރަށެއްގައި އާ މަޝްރޫއު އެއްކުރިއަށްދާތަނެއް ނުފެނޭ،'' މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވި ގޮތުގައި 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެގެން ދިޔައިރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުންނަންޖެހޭނީ ނިމިފައެވެ. އަދި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ ކަމަށާއި ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ 272 މަޝްރޫއުގެ މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ މުސްތަގުބަލަށް ނުރައްކާވާ ފަދަ ކަންކަން މިހާރު ފެންނަމުންދާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، މީސް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ މަންޒަރު ފެންނަ ކަމަށާއި މިއީ ވިސްނާނުލައި ދިވެހިންގެ އަމިއްލަ އަތުން ނިންމާފައިވާ ނިންމުމުގެ ނަތީޖާ ކަމަށެވެ.