ޣައްސާން މައުމޫން

ރައްޔިތުން މިހާރު ތިބީ މާޔޫސްވެފައި، ޔާމީން އެހުންނެވީ 2023ގައި ރައްޔިތުންގެ ހިދުމަތަށް ނުކުންނަވައި: ޣައްސާން

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުން މިހާރު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ހުންނެވީ 2023ގައި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދިނުމަށް ނުކުންނަވައިގެން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް އެމީހުންނަށް ދިމާވެފައިވާ ގިލަންތަކުން އަމިއްލައަށް ސަލާމަތްވުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށެވެ.

އެގޮތުން ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ކުރެއްވި ޖިހާދު ދިވެހިންގެ ހިތަށް ގެނައުމުން ވެސް ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ހާލަތު ބަދަލުކުރާނީ އެބަޔަކު އަމިއްލައަށް ކަމަށް ވިދާޅުވިއެވެ.

''ރައީސް ޔާމީން ހަމަ މިހާރުވެސް ނުކުމެވަޑައިގެން އެހުންނެވީ 2023 ގައި ތިޔަބޭފުޅުންގެ އުންމީދުތައް ކީއްކުރަންތޯ، އުންމީދުތައް ފަހަނައަޅައިދާ ވަރަށް ހިދުމަތް ކުރައްވަން، ހިދުމަތްތައް ގެނެސްދެއްވަން،'' ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގައި 272 މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އެގޮތުން މާލެ. ވިލިމާލެ. ތިލަފުށި އަދި ގުޅީފަޅު ބުރިޖަކުން ގުޅުވައިލާ މަޝްރޫއު އަކީވެސް ރައީސް ޔާމީންގެ ސަރުކާރުން ޕްލޭންކޮށް ނިމިފައިވާ މަޝްރޫއެއް ކަމަށެވެ.

''18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ގެދޮރުވެރިކަން ކަށަވަރުކޮށް ދިނުމަށް ގުޅީފަޅު ހިއްކި. އިމާރާތް ކުރުމުގެ މަސައްކަތްކުރަން މިއޮތީ ތައްޔާރުވެފައި. މިއަހަރު ފެށި އިރު ނުވަތަ އެފްރިކާ ބައްރުން އިންޑިއާއަށް އަޅަމުން ގެންދިޔަަ ސަބްމެރިން ކޭބަލްގެ ކޮޅެއް ދިވެހި ރާއްޖެއަށް ވައްދައި އިންޓަނެޓްގެ ސްޕީޑް ހަލުއިވެ އަގު ތިރިވެއްޖެ. އެއާޕޯޓްގެ މަސައްކަތް ނިމި ރާއްޖެއަށް އަންނަމުން ދިޔަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ ރިސޯޓުތަކާ ގެސްޓް ހައުސްތައް ފުރި ބާރުވެއްޖެ،'' ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ޣައްސާން ވިދާޅުވިއެވެ.

މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ޣައްސާން އިތުރަށް ވިދާޅުވީ، 30 މިނެޓް ތެރޭގައި ކޮންމެ ރަށަކުންވެސް ކަނޑުމަގުން ދަަތުރުކޮށް އެއާޕޯޓަކަށް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި އަޅަންޖެހޭ 12 އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިއްޖެ ކަމަށެވެ.

އިދިކޮޅުން ރައީސް ސޯލިހުގެ ސަރުކާރަށް މި މޭރުމުން ރައްދުދެއްވި އިރު، މިހާތަނަށް އެއް ސަރުކާރަކުން ފުރަތަމަ އަހަރު ތެރޭ އެންމެ ގިނަ މަޝްރޫއު ފެށުމުގެ ރެކޯޑު ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ގާއިމްކޮށްފަ އެވެ. މި ހަފުތާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވި ތަފާސް ހިސާބަށް ބަލާއިރު، މި ސަރުކާރުން ވަނީ 129 މަޝްރޫއު ފަށައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟