ރާއްޖޭގައި ޓޫރިޒަމް ކުރިން ތަރައްގީ ނުވާ އަތޮޅުތަކަށް ޓޫރިޒަމް ތައާރަފު ކުރުމަށްޓަކައި 27 ރަށެއް ޓޫރިޒަމަށް ތަރައްގީކުރުމަށް ދިރާސާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަށްތަކުގެ ދިރާސާތައް ހަދަމުން އަންނަ، ސީޑީއީ ކޮންސަލްޓިންގެ ފަރާތުން ލިބިފައިވާ އިނީޝިއަލް އެސެސްމަންޓް ރިޕޯޓްގެ ދަށުން މާލެ އަތޮޅާއި ވ. އަތޮޅު އަދި ދ. އަތޮޅުން ޓޫރިޒަމަށް ރަށެއް ދޫ ނުކުރާނެ ކަމަށެވެ.
ނަމަވެސް ހއ. ހދ. ނ. އަތޮޅުން ރަށްތަކެއް އަދި ރ. އަތޮޅުގެ ރަށެއް ދޫކުރުމަށް ބަލަމުން އަންނައިރު، މ. އަތޮޅާއި ފ. އަތޮޅުން ރަށްތަކެއް ދޫކުރުމަށް ބަލަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ލ. އަތޮޅާއި ހުވަދު އަތޮޅު އުތުރުބުރިއާއި ދެކުނުބުރި އަދި ފުވައްމުލަކު ޓޫރިޒަމް ޒޯނާއި ހަންކެނޑަ ހިމެނޭ ގޮތަށް ޓޫރިޒަމް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި، ޓޫރިޒަމަށް ރަށެއް ނެރޭނީ ތިމާވެއްޓާ ގުޅޭ ހުރިހާ ދިރާސާއަކާއި އެރަށަކާ ގުޅުންހުރި އެހެން ރަށްރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ އެސެސްމެންޓް ވެސް ހެދުމަށްފަހު ކަމަށެވެ. އަދި ރަށެއް ތަރައްގީކުރަން ދޫކުރާއިރު، އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ތަނެއްތޯ ކަށަވަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އަލަށް ނެރޭ ރިސޯޓްތައް ވިސްނުން ހުރީ ދެބުރަކަށް ނެރެން. އެއްފަހަރަކާ ހުރިހާ ރިސޯޓެއް ނެރުމުގެ ވިސްނުމެއް ނެތް. އަޅުގަނޑުމެން ދެކޭގޮތުގައި ދެ އަހަރު ތިން އަހަރުގެ ތެރޭ ރިސޯޓްތައް ހަދާ ނިންމޭނެ. ހެދޭ ފެންވަރުގެ މީހުންނާ މި ރިސޯޓްތައް ހަވާލު ކުރާނީ. އަދި ހަމައެކަނި ބޮޑު އަގު ޖަހާލާފައި ރަށްތައް ބުލޮކް ކުރުމުގެ ސިޔާސަތުތައް ބޭނުންވަނީ ދޫކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރުމުގެ ރަށްތައް ދޫކުރުމުގައި އަބަދު އެއްބަޔަކަށް ރަށްތައް ލިބޭ ގޮތަށް އޮތް އޮތުން ދޫކޮށްލައި އަލަަށް ނުކުންނަ ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ސިންދަފާތު ކުރަން އެކި ކޮންސެޕްޓުތަކަށް ބަލައިގެން ރަށްތައް ދޫކުރާނެ ކަމަށެވެ.
އަދި ރަށްތައް ދޫކުރާނެ ގޮތްތައް ރައްޔިތުންނަށް ހާމަކުރާނެ ކަމަށާއި "އަނދިރި ދޮރަކުން ވަދެ ރަށްތައް ލިބޭނެ ގޮތް ދޫކޮށްލާނެ" ކަމަށެވެ.
ސަރުކާރުގެ ފަސް އަހަރު ނިމޭއިރު 35000 އެނދު އިތުރުކުރަން ސަރުކާރުގެ ނޭޝަނަލް ސްޓްރެޓިކް ޕްލޭންގައި ހިމަނާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ދުވެލި މިހާރު ހުރި ގޮތުން، 2023ގެ ކުރިން އެކަން ހާސިލް ކުރެވޭނެ ކަމަށެވެ.