ޝަހީދާ އަބްދުﷲ ސައީދު
ކޮންމެ ދެ ދުވަހުން އެއް ދުވަހު މިހާރު ހުޅުވާ ރިސޯޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ރިސޯޓުތަކެއް ކަމަށާއި އެތަންތަނުގެ ކްރެޑިޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ނުނެގޭނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެގެން ދިޔައީ ސަރުކާރުގެ އިސްވެރިންނާއި އަރިހުގައި ވަޑައިގެންނެވި ބޮޑު ވަފުދުގެ ބޭފުޅުން ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅަށް ކަމަށެވެ. އަދި އެ ބަޖެޓުން ރައްޔިތުންނަށް ގެނެސްދެވުނު ތަރައްގީއެއް ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓް ކަނޑައަޅާފައިވަނީ މި ސަރުކާރަށް ކަމަށާއި އެ ބަޖެޓަށް މިއަދު ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުންނާއި މަޖިލީހުގައި މިދިޔަ ދައުރު ތިއްބެވި އެމްޑީޕީގެ މެންބަރުން ވޯޓު ވެސް ދެއްވާފައި ނުވާ ކަމަށެވެ. އަދި 32 ބިިލިއަން ރުފިޔާގެ ބަޖެޓް ހުސްކުރީ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށް ބޭރުގެ ދަތުރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ކުދި ވިޔަފާރިތަކަށް ޒުވާނުން ވައްދައި، ގެސްޓް ހައުސް ވިޔަފާރި އެންމެ ބޮޑަށް ތަރައްގީވެގެން ދިޔައީ ރައިސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސްކަމަށް ވިދާޅުވެ ޝިޔާމު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވިސްނާފައިވާނީ ރައްޔިތުންގެ ތަރައްގީއާއި ރައްޔިތުންގެ ކުރިމަގަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އިސްވެރިންގެ ވިސްނުމުގައި އެފަދަ ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
އަދި ރައީސް ސޯލިހު ދާދިފަހުން އދ. ގައި ތަގުރީރުކުރެއްވުމަށް ވަޑައިގެންނެވި އިރު އަރިހުގައި ވަޑައިގެންނެވި ވަފުދާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ޝިޔާމު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަތް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޮޑު ވަފުދެއް ގެންދަން ޖެހޭ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އެބޭފުޅުން ވަޑައިގެން އދ. ގެ އާންމު މަޖިލީހުގައި ދައްކަވާނެ ވާހަކައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.