ޚަބަރު

އެންމެ ބޮޑު ސިނާއަތުގެ ވަޒީފާތަކުގެ 52 ޕަސެންޓުގައި ބިދޭސީން!

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންގެ ތެރެއިން 52 ޕަސެންޓް މީހުންނަކީ ބިދޭސީން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންގެ މައްޗަށް ހެދި ދިރާސާގެ ނަތީޖާ ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު މިފަދަ އެއްވެސް މައުލޫމާތެއް ހެދިފައި ނެތް ކަމަށެވެ.

އެގޮތުން ރައީސްގެ އިރުޝާދާއެކު ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 1000 އަށްވުރެ ގިނަ ފެސިލިޓީ ބެލި ކަމަށާއި އޭގެ ނަތީޖާއިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޖުމްލަ 36301 މުވައްޒަފުން އުޅޭކަން ހާމަވި ކަމަށެވެ.

"....މިރޭ ފާހަގަކޮށްލަން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މުވައްޒަފުން ތިބި އަދަދަކީ 36301. އޭގެ ތެރެއިން ދިވެހި މުވައްޒަފުން ތިބި އަދަދަކީ 17138. އަދި ބިދޭސީ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 18947،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މިންގަނޑުތަކަށް ބަލާއިރު ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރު 45 ޕަސެންޓަށްވުރެ ދަށް 58 ރިސޯޓް ރާއްޖޭގައި އޮތްއިރު، ކަނޑައަޅާފައިވާ މިންވަރު 86 ރިސޯޓުގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދި ސާވިސް ޗާޖަކަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދީފައިވަނީ 200 ޑޮލަރާއި 500 ޑޮލަރާ ދެމެދުކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިލިބުނު މައުލޫމާތާއެކު، ކުރިމަގުގައި ރަނގަޅު ބަދަލުތަކެއް ޓޫރިޒަމް ދާއިރާއަށް ގެންނާނެ ކަމަށާއި އަދި ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވައިލާނީ މި އަދަދުތަކަށް ބަލައިގެން ކަމަށެވެ.