ޝަހީދާ އަބްދުﷲ ސައީދު
މިސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ސަރުކާރުން ކަނޑައެޅި އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދެ ޕަސެންޓް ވެސް ހާސިލު ނުކުރެވޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ސަރުކާރުން އެކުލަވައިލި އެކްޝަން ޕްލޭންގައި ހުރި ކަންކަމަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރުވެސް ސަރުކާރަށް ހާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެވަރުގެ ގާބިލުކަމެއް ސަރުކާރުގައި ނެތް ކަމަށެވެ.
ސައީދު ވިދާޅުވީ 2023 ގެ ނިޔަލަށް ރާއްޖެއަށް ހަތް މިިލިއަން ފަތުރުވެރިން އަންނަން ޖެހޭކަން ގަބޫލުކުރައްވައި ރައީސް ޔާމީން ވަނީ 1.2 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަގަޅު އެއާޕޯޓަކަށް ހެދުމުގެ އިތުރުން އެންމެ ރަނގަޅު ފެންވަރުގެ ޓާމިނަލެއް ވެސް ހަދާފައި ކަމަށެވެ.
އަދި އެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަން ފާހަގަކުރައްވައި ސަރުކާރުން ކަނޑައެޅި އެކްޝަން ޕްލޭންގައި އެއާޕޯޓް ތަރައްގީ ކުރާ ވާހަކަ ހިމަނާފައި ވާތީ ސައީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
''ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށް ހުރިހާ ކަމެއް ކޮށް ނިމެމުން ދަނިކޮށް މިސަރުކާރުން އެބުނީ 2023 އަންނަންވާއިރަށް އެއާޕޯޓް އެއާޕޯޓަކަށް ހަދާނަމޭ. މިއަށްވުރެ ބޮޑު ދޮގެއް ދެން ކޮބައިތޯ. މިއީ ރައީސް ޔާމީން 2023 ގެ ކުރިން ނިންމަން ޕްލޭންކޮށްގެން ފެށި އެ މަސައްކަތް ނިންމަމުންނޭ އެދަނީ. މިއަށްވުރެ ބޮޑު ދޮގެއް ވައްކަމެއް ކޮބައިތޯ. ދެން މި ބުނަނީ 2023 އަންނަންވާއިރަށް އެއާޕޯޓް ނިންމާނަމޭ. މިއީ ވައުދަކަށް އެ ހަދާލީ،'' ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ އިސްވެރިން ގައުމު ބޭރަށް ދަތުރުފުޅުތައް ކުރައްވާކަން ފާހަގަކުރައްވައި އެކަމަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވީ ގައުމު ތަރައްގީ ކުރަން އެދޭނަމަ ވަރުވަރުން ކޯޓު ފަޓުލޫނު ފަހައިގެން ބޭރު ގައުމުތަކަށް ވަޑައިގަތުމުގެ ބަދަލުގައި ރާއްޖޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.
އަދި ރައްޔިތުންނަކީ ކޮންމެ އިންތިހާބެއް ކައިރިވުމުން ސިޔާސީ މީހުން ގަންނަހެން ފައިސާއަށް ގަންނަން ތިބޭ ބައެއް ނޫން ކަމަށާއި ރައްޔިތުންނަކީ އަމާނާތްތެރިކަމާއެކު ވެރިކަންކުރައްވާ ވެރިން ވައުދު ފުއްދާތަން ބަލަން ބޭނުންވާ ބައެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.