ޚަބަރު

ޓޫރިޒަމް ތަރައްގީ ކުރުމަކީ ދިވެހިންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކެންޖެހޭ: ރައީސް

މުހައްމަދު ސިމާއު

ޓޫރިޒަމް ދާއިރާގައި އުޅޭ ދިވެހިން، އެ އަދާކުރާ ވަޒީފާއަކީ ޓޫރިޒަމް ތަރައްގީކުރަން އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރާ މަސައްކަތަކަށް ވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްގައި ރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޓޫރިޒަމް ސިނާއަތް ކުރިއަށް ގެންދިއުމަށް ދިވެހިންގެ ހިއްސާ އިތުރުކުރުން މުހިންމު ކަމަށެވެ.

އަދި ރިސޯޓްތަކުގެ ޒިންމާދާރު މަގާމުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ނިސްބަތް އެތައް ގުނައަކުން އިތުރުކުރަންޖެހޭ ކަމަށާއި އެއީ މި ސިނާއަތް ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.

"ސިނާއަތް ކުރިއަށް ގެންދިއުމަށް ދިވެހިންގެ ހިއްސާ އިތުރުކުރުން މުހިންމު. ދިވެހިން މި ދާއިރާގައި މަސައްކަތްކުރަނީ ހަމައެކަނި ވަޒީފާ އަދާކުރުމުގެ ގޮތުގައެއް ނޫން. ކުރަންޖެހޭނީ ވެސް އެގޮތުގައެއް ނޫން. އެއަށްވުރެ މާ މުހިންމު އަމިއްލަ ކަމެއްގެ ގޮތުދައި ދެކިގެން މަސައްކަތް ކުރަންޖެހޭނީ. ޓޫރިޒަމް ދާއިރާ ތަރައްގީކުރުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުމުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ ކުރިން އަންދާޒާ ކުރިވަރަށް ވުރެ ހަލުވި ދުވެއްޔެއްގައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާމެދު އިންވެސްޓަރުންނަށް އިތުބާރާއި ޔަގީންކަން ލިބި، އެތައް ރިސޯޓަކާއި އެތައް ރަށެއްގައި ގެސްޓް ހައުސްތައް ހުޅުވިގެން ހިނގައްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ހުޅުވި 19 ރިސޯޓަކާއި އެއް ޔޮޓް މެރީނާއާއެކު 4127 އެނދު އިތުރުވެ، 10،000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ ކަމަށެވެ.

ނަމަވެސް ވަޒީފާގެ ފުރުސަތު އުފެދިގެން އަންނަވަރަކަށް އެ ދާއިރާތަކަށް ދިވެހި ޒުވާނުން އުފެއްދުމަކީ ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"އާދައިގެ ވަޒީފާއެއް ނަމަވެސް އެކަމާގުޅޭ ތަމްރީނާއި ތައުލީމަށް އެކުގައި މީހުން ބިނާކުރުމަށް ވަޒީފާގައި ދެމިތިބޭ މިންވަރު އިތުރުކުރެވޭނެ. ރިސޯޓްތަކުގައި ބިދޭސީން ގިނަ. ވަޒީފާ ނެތި އުޅޭ އެތައް ޒުވާނުންނެއް އެބައުޅޭ. ރިސޯޓްތަކުގައި ބިދޭސީން މިހާރު ކުރަމުންދާ ވަޒީފާތައް މާ ފުރިހަމައަށް ކުރާނެ ދިވެހިން ވެސް އެބައުޅޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުގުވެރިކޮށް، ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

އަދި ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލި އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވާނީ ވެސް ފަހުރުވެރި ފުދުންތެރި އާއިލާއެއް ބިނާކުރުމަށް ކަމަށާއި އެކަން ތަންފީޒު ކުރުމުގައި ސަރުކާރާއި އަމިއްލަ މުއައްސަސާތަކުން އަދާކުރަންޖެހޭ މުހިންމު ޒިންމާތަކެއް ވެސް އެބަހުރި ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަތޮޅުތެރެއަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެއް ސިޔާސަތު ކަމަށެވެ.

އެގޮތުން ރާއްޖޭގެ އާ ޓޫރިޒަމް މާސްޓާ ޕްލޭނާއި ރިސޯޓުތައް ތަރައްގީކުރާ ރަށްތައް ފައިނަލް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާއިރު، އެ މަސައްކަތް ނިމުމުން ޓޫރިޒަމް ތަރައްގީ ކުރެވިގެންދާނެ ގޮތާއި ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ހުރިހާ މުވައްޒަފުންގެ މިނިމަމް ވޭޖް އަންނަ އަހަރު ނިމި ތަންފީޒު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.