ޝަހީދާ އަބްދުﷲ ސައީދު
އާ މަޝްރޫއެއް ހިންގޭނީ ކުރީގެ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނިންމައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފެށޭނީ އެމަނިކުފާނުގެ ސަރުކާރު ނިމުނު އިރު ފަށާފައިވާ 272 މަޝްރޫއުގެ މަސައްކަތް ނިންމާފައި ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ބުނާއިރު، އެއްވެސް ރައްޔިތަކަށް އެމަންޒަރު ނުފެންނަ ކަމަށާއި ރާއްޖޭގައި ތިބީ ލޯފަން މީހުން ނޫން ކަމަށެވެ.
''މި ފަސް އަހަރުގެ ތެރޭގައި މާލޭ އެއާޕޯޓް ތަރައްގީކޮށް ފައްކާކުރާނަމޭ ރޭގައި މި ވިދާޅުވީ، އަމިއްލައަށް މަލާމާތް ރައްދުވާ ވަރުގެ ވާހަކަ ލިޔާއިރުވެސް މިވެރިންނަށް ހަމަ ލަދުގަންނަން ނުވެސް އެނގެނީތޯއޭ. މިވެރިންނެއް ނޫންތޯ މި އެއާޕޯޓް ވިއްކާލީ،'' ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދީ އިބްރާހީމް ނާސިރު ކަމަށާއި އޭގެ ފަހުން އެއާޕޯޓް ތަރައްގީކޮށް ފައްކާކުރީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓް ކުއްޔަށް ދިނީ ނޫން ކަމަށާއި 70 މިލިއަން ޑޮލަރަށް އެއާޕޯޓް ވިއްކާލީ ކަމަށެވެ. އަދި ނުއަގުގައި އެއާޕޯޓް ވިއްކާލުމުން އަނބުރާ އެއާޕޯޓް ހޯދުމަށް އެމަނިކުފާނުގެ ވެރިކަމުގައި 300 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ތަންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ކުއްޔަށް ދިނުމުގެ ނަމުގައި އެއާޕޯޓް ވިއްކާލީ އެގްރިމެންޓް ހަމަވުމުން އަލުން އާކުރެވޭ ގޮތަށް ކަމަށެވެ.
''ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނަމޭ ބުނާއިރު މިބައި މީހުން ވެރިކަމަށް އައިސް ނޫންތޯ 70 މިލިއަން ޑޮލަރަށް ނުއަގުގައި އެއާޕޯޓް ވިއްކާލީ، 25 އަހަރަށް ކުއްޔަށް ދިނީކީ ނޫން. ހަމަ ނުއަގުގައި ވިއްކާލީ. އަޅުަގަނޑުމެންނަށް މަޖުބޫރުވީ އެއާޕޯޓް ފުޅާކޮށް ޓޫރިޒަމް ފުޅާކުރަން. އަޅުގަނޑު ދުށީ އެއީ އުފަލެއް ކަމުގައި. ގައުމީ ވާޖިބެއްގެ ގޮތުގައި. 70 މިލިއަން ޑޮލަރަށް ވިއްކާލި އެއާޕޯޓް އަނބުރާ ހޯދަން އަޅުގަނޑުމެންގެ ސަރުކާރުން 320 މިލިއަން ޑޮލަރު. އެހެންވީމާ ރަނގަޅު ވިޔަފާރިކުރަންވެސް ކުރީގެ ސަރުކާރުން ދަނޭތާ،'' ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަށް ފުރަތަމަ ކަނޑައެޅި ބަޖެޓް ހުސްވެގެން ދެވަނަ ފަހަރަށް ކަނޑައެޅި ބަޖެޓްވެސް ހުސްވެއްޖެ ކަމަށެވެ. އަދި މުޅި ސަރުކާރުގެ ބަޖެޓް ހުސްވެއްޖެ ކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވެފައިވަނީ އެމްއެމްއޭގައި ހުރި ފައިސާވެސް ހުސްވެއްޖެ ކަމަށާއި އަދިވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަށްދާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.