ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭނުގައި އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ވާހަކައެއް ނެތްކަން ހާމަވެއްޖެއެވެ.
ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިފްތިތާހުކޮށްދެއްވި ނަމަވެސް، އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ އެއްވެސް ވާހަކައެއް އެ ޕްލޭނަކު ނެތެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. އެގޮތުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދިރާގާއި އުރީދޫއާ އެ މިނިސްޓްރީން މަޝްވަރާތައް ކޮށްފައިވެއެވެ.
ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝް (އައިސީޓީ)ގެ ދާއިރާއިން ހަ ކަމަކަށް އަމާޒު ހިފާފައިވެއެވެ. އޭގެ ތެރެއިން އެއް ކަމެއް 2021ގެ ނިޔަލަށް ފުރިހަމަކުރުމަށް އަމާޒު ހިފައިވާ އިރު، އަނެއް ފަސް ކަންތައް ފުރިހަމަކުރުމަށް އަމާޒު ހިފާފައިވަނީ 2023ގެ ނިޔަލަށެވެ.
އައިސީޓީގެ ދާއިރާ އިން 2021ގެ ނިޔަލަށް އަމާޒު ހިފާފައިވަނީ ނެޝަނަލް ސްޓެކް ގާއިމުކުރުމަށެވެ. 2023ގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރޭގައި ދިވެހި ސަރުކާރުން އޮންލައިންކޮށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް gov.mv މެދުވެރިކޮށް ލިބިގެންދިއުމާއި ހޮސްޕިޓަލިޓީ، މަސްވެރިކަން، މެރީން ސައިންސް އަދި ސިއްހީ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން މަދުވެގެން ފަސް ސްޓާޓަޕަށް އެހީވުން ހިމެނެއެވެ.
އޭގެ އިތުރުން 2023ގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިންނަށް ސްޓާޓަފްސް އަދި "މޭކަރ ސްޕޭސް"އަށް އިންކިއުބޭޓަރ ފަދަ ގޮތަށް ހަރަކާތްތެރިވާ ތިން ޓެކްނޮލޮޖީ ސެންޓަރު ގާއިމުކުރުމާއި ސްޓެމް މާއްދާތައް ކިޔަވާ އަންހެން ދަރިވަރުންގެ އަދަދު 30 އިންސައްތަ މައްޗަށް ގެންދިއުން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެޝިން ލަރނިންގ އަދި މިފަދަ އެހެނިހެން ޓެކްނޮލޮޖީއަށް ތަމްރީނުކޮށްދޭ ދެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ.