ޚަބަރު

"ޓޫރިޒަމް ކުރިއަރުވަން އަޅާ ކޮންމެ ފިޔަވަޅަކާއެކު ތިމާވެށީގެ ހިމާޔަތަށް ދެ ފިޔަވަޅު އަޅަންޖެހޭ"

މުހައްމަދު ސިމާއު

1

ތިމާވެށީގެ މަައްސަލަތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކުގެ އެއް ބައި ކަމަށާއި އެހެންކަމުން ތިމާވެށީގެ ހިމާޔަތަށް ދެ ފިޔަވަޅު އަޅަން މަޖުބޫރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ މައިދާނެއްގައި ވެސް ރާއްޖޭގެ މިސްރާބު މިހާރު ހުރީ ތަރައްގީ އާއި ކުރިއެރުމަށް ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމަށް ބެލި ނަމަވެސް، މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މާބޮޑަށް އިތުރުވެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ވާދަވެރިކަމާއެކު ވެސް ދިވެހި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމަށެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިނާއަތް އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ސިނާއަތަށް ހުރި ގޮންޖެހުންތަކެއް ވެސް އެބަހުރިކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ތިމާވެށީ މައްސަލަތަކަކީ އެ ގޮންޖެހުންތަކުގެ އެއްބައި ކަމަށްވާއިރު، ތިމާވެށީގެ ހިމާޔަތައް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަތުރުވެރިކަން ކުރިއަރުވަން އަޅާ ކޮންމެ ފިޔަވަޅަކާއެކު ތިމާވެށީގެ ހިމާޔަތަށް ދެ ފިޔަވަޅު އަޅަން އެބަ މަޖުބޫރުވޭ..ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ 2023 ގެ ނިޔަލަށް ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް ހަދަން. މިއީ ވަރަށް މުހިންމު ވަރަށް ބޭނުންތެރި ބައެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށް މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ފަރާތަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތައް ކަމަށާއި އެކަން ހާސިލްކުރުމަށް ސަރުކާރާ ގުޅިގެން ރިސޯޓްތަކުން މަސައްކަތް ކުރުމަކީ މުހިންމު އެދުމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟