ޝަހީދާ އަބްދުﷲ ސައީދު
ދިއްދޫ ރައްޔިތުންގެ ތެރެއިން މަހަކު 16 މީހުންވެސް މަތިންދާ ބޯޓުން ދަތުރު ނުކުރާ ކަމަށާއި، ދިއްދޫ ރައްޔިތުންނަށް ބޭނުންވަނީ ރަނގަޅު ފެރީ ނިޒާމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިއްދުއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ރޭ ބޭއްވި ބައްދަލުވުމުގައި ދިއްދޫގެ ރައްޔިތުން ވަނީ އެއާޕޯޓެއްގެ މުހިންމުކަން ފާހަގަކުރައްވައި، އިބޫގެ ސަރުކާރުގައި އެއާޕޯޓެއް އަޅައިދިނުމަށް އެދިފައެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްދޫއިން މަހަކު 16 މީހުން ވެސް ހަނިމާދޫ މަގުން ދަތުރު ނުކުރާ ކަމަށެވެ. އަދި ބޭނުން ވަނީ ރަނގަޅު ފެންވަރުގެ ފެރީ ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ ވާހަކަފުޅުގައި ރޭގަނޑު ފެރީގައި ފުރައިގެން ހެނދުނު މާލެ ދެވޭނެ ރަނގަޅު ފެރީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވައި، ދިއްދޫ ރައްޔިތުން ދެވަނަ ވިސްނުމަކަށް ދިއުމަށް އެދިވަޑައިގެންނެވިއެވެ.
އަދި އެއާޕޯޓްތައް ހަދަން ވާނީ އިގުތިސާދީ މަންފާއެއް ކުރާނަމަ ކަމަށާއި، އެއާޕޯޓް ހެދުމަކީ ތަރައްގީގެ ތަސައްވުރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ހަނިމާދޫ މަގުން ދިއްދޫ މީހުން މާލެއައުމަށް ކުރަންޖެހޭ ހަރަދުބޮޑުކަން ފާހަގަކޮށް ވާހަކަ ދެއްކުމުން އެކަމަށް އިޝާރާތްކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ފެރީގައި 20 ރުފިޔާއަށް ހަނިމާދޫއަށް ދިއުމަކީ ބޮޑު އަދަދެއް ނޫން ކަމަށާއި، ނަމަވެސް 1500 ރުފިޔާ ދީގެން ދިއުމަކީ ބޮޑު ހަރަދެއް ކަމަށެވެ. އެހެންކަމުން ރަނގަޅު ފެންވަރުގެ ފެރީއެއްގައި ފުރައިގެން ހިސާހިތަކު މާލެ ދެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ އެއާޕޯޓެއް ހެދި ނަމަވެސް އަދި ހޮސްޕިޓަލެއް ހެދި ނަމަވެސް ލާރި ދައްކަންޖެހެނީ ރައްޔިތުންގެ ޖީބުން ކަމަށާއި، އެއީ ޓެކްސް ފައިސާ ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓް ހެދުމަށް ބޭކާރު ހަރަދު ކުރުމުން ނަގާ ޖީއެސްޓީ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.