ޚަބަރު

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މާހިރު

ރައީސުލްޖުމްހޫރިއްޔާ، އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް، މއ. ރައުފަތުގެ، އަހުމަދު މާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.

އަޙްމަދު މާހިރަށް މަގާމުގެ ފަތްކޮޅު ދެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހިދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް މެދުނުކެނޑި 45 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މާހިރަށް ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 1990 ވަނަ އަހަރު އަރުވައިފައެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ ވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ.