ޚަބަރު

ރާއްޖޭގެ ދެކުނަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވެ، ޔެލޯ އެޕާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ 7:00 އިން މިރޭގެ 11:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. އެލާޓްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 12 ގަޑިއިރަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވައިޖެހޭނެ ކަމަށް ބެލެވެނީ ދެކުނު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން އުޅޭނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.