ޝަހީދާ އަބްދުﷲ ސައީދު
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒު އިންތިހާބުކޮށްފިިއެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓުތަކުން ނުބެލޭނެއެވެ. އެ ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލަތައް ހަމައެކަނި ބެލޭނީ އެ އިސްލާހުގެ ދަށުން އުފެދޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށެވެ. އަދި އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓަކުން ތިން ފަނޑިޔާރެކެވެ.
ހައި ކޯޓުން ބުނިގޮތުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކުރީ މިއަދެވެ. ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބައްލަވައި، ނިންމަވާފައިވާ އަދި މިހާރު ވެސް ބޮޑެތި މައްސަލަތަކެއް ބައްލަވާ ފަނޑިޔާރެކެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ފަނޑިޔާރެކެވެ. ނިޔާޒު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 25 ޖެނުއަރީ 2018 ގައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަނޑިޔާރު ނިޔާޒު ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމުގައެވެ. އަދި އޭގެ ކުރިން ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް ފަނޑިޔާރު ނިޔާޒު ކުރައްވާފައިވެއެވެ.