ޚަބަރު

ގުޅީ ފަޅުން ފުލެޓް ގަންނަން ފައިސާ ދެއްކި މީހުންނަށް އަވަސް ހައްލެއް ހޯދައިދޭނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ގުޅީ ފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ދާއިމީ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ގުޅީފަޅު މަޝްރޫއު"ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކާ މިއަދު ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގުޅީ ފަޅުން ފުލެޓް ގަތް ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ފަރާތުންވަނީ، މި މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

ންބޮޑުވުންތަކާއި އެކަމުގައި އެފަރާތްތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ މައްސަލައަކީ ގިނަ އަހަރުތަކެއްވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ އެކަމަށް ދާއިމީ އަދި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވައިދެއްވާނެ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދައި ދެވެންދެން އެކަމަށް ކުރަންޖެހޭ ކަންތައްތައް މީގެފަހުން ކުރިއަށް ގެންދާނީ ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުން ކުޑަކުރުމަށް ގުޅީފަޅުގައި ފުލެޓް އިމާރާތްކުރުމުގެ މަޝްރޫއެއް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. ގުޅީފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރީ އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) ކުންފުންޏާއެވެ.

އެ އެއްބަސްވުމުގައި ގުޅީފަޅުގައި ފްލެޓްތަކާއި މިސްކިތާއި ޕްރީ ސްކޫލެއް އެޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެބްރުއަރީ 6، 2016 ގައި ޖީޕީޑީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެރަށް އަނބުރާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ނެގިއެވެ.

އެ ކުންފުނީގެ އަތުން ގުޅީފަޅު އަތުލަން ނިންމީ ކޮންސެޝަން ފީ ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައިނުވާތީ އާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައިނުވާތީ ކަމަށް ބުނެއެވެ.