ޝަހީދާ އަބްދުﷲ ސައީދު
ތ. އަތޮޅު ގުރައިދޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އެރަށު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތާއި އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސްއާ މަޝްވަރާކުރައްވާފައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަކުރައްވައި، ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރު މުޅިން ހަލާކުވެފައިވުމާއި، ކޮންޓްރެކްޓް ހަވާލުވި ފަރާތުން ބޭނުންވެސް ނުކޮށް އޮވެ، އައިސް ޕްލާންޓު ވީރާނާވަމުންދާ މައްސަލަ ހިމެނެއެވެ.
އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ކުއްލި ހާލަތުގައި ހިދުމަތް ދެވޭނެ ވަސީލަތެއް އަތޮޅުގައިވެސް ގާއިމުވެފައި ނެތުމާއި، އަދި އަތޮޅު ފެރީ ނިޒާމުގައި ހުރި މައްސަލަތަކުގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހިމެނެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ބަނދަރު ހެދުމަށް މިހާރު ސޮއިކުރެވިފައިވާ އިރު، މިފަދަ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރަމުން ގެންދިއުމަކީ ކައުންސިލްގެ ފަރާތުން ކުރުން މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތަރައްގީގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުމަކީ އެކަމުގެ ހެވާއި ލާބަ އެންމެހާ ރައްޔިތުންނަށް ލިބޭނެ ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި، ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހާއްސަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ގުރައިދޫ ކައުންސިލަރުން އެދުނު ކަންކަމުގައި، ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރަމުންދާ މަސައްކަތްތައް ހިނގަމުންދާ ގޮތް ވެސް ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.