ޚަބަރު

ތޮއްޑޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

އއ. ތޮއްޑޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ތޮއްޑޫގައި ހިންގި މާރާމާރީއެއްގައި 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:30 ހާއިރު ލިބުނު ކަމަށެވެ. ނަމަވެސް އެވަގުތު މޫސުން ގޯސްވެ ދަތުރު ނުކުރެވުމުން ތޮއްޑޫއަށް ދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ފުލުހުންނަށް ތޮއްޑޫއަށް ދެވުނީ މިއަދު 11:00 ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ތޮއްޑޫގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ބޯ ފަޅައިގެން ގޮސް، އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭނާއަށް އެރަށު ހެލްތް ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.