އިސްލާމްދީން އަދި ކީރިތި ގުރުއާން ގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ޚިލާފަށް ބައެއް ވާހަކަތައް ލިޔެފައިވާ ރިޕޯޓާ ގުޅިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާފަށް އެދި، ވަގުތީ ގޮތުން ރިޕޯޓު އަނބުރާ ގެންގޮށްސިއެވެ.
އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ''ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށާއި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމާ ދެކޮޅަށް ލިޔެފައިވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، އެމްޑީއެންއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ވެސް ވަނީ ފަށައިފައެވެ.
އެކަމުގެ ފިއްތުންތަކާ ގުޅިގެން އެމްޑީއެން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބަހުރުވަ އާއި ވާހަކަތައް ގެނެވިފައިވާ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް އެ ޖަމިއްޔާއިން ގަބޫލު ކުރާ ކަމަށާއި އަދި ރިޕޯޓު ގެނެވިފައި އޮތް ގޮތުން މާފަށް އެދޭ ކަމަށެވެ.
އަދި އެ ޖަމިއްޔާއަކީ އިސްލާމްދީނާއި ދިވެހި ސަގާފަތާއި ދިވެހި ގާނޫނުތަކަށް އިހްތިރާމްކުރާ ޖަމިއްޔާއެއް ކަމަށާއި މިފަދަ ރިޕޯޓެއް އެ ޖަމިއްޔާއިން ތަކުރާރު ނުކުރާނެ ކަމަށް ވެސް އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓް އަލުން އިސްލާހު ކުރުމަށް އެ ޖަމިއްޔާގެ ރިޕޯޓް ވަގުތީ ގޮތުން މިހާރު އަނބުރާ ގެންގޮސްފައިވާނެ ކަމަށެވެ.
އެމްޑީއެން އިން ބުނީ، ރިޕޯޓާ ގުޅިގެން ޖަމިއްޔާއަށާއި ޖަމިއްޔާގެ ބައެއް މެމްބަރުންނަށް ފާއިތުވި ދުވަސްތަކުގެ ތެރޭ ނުހަނު ގިނަ ފުރައްސާރަ އާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ބައެއް ފަރާތްތަކަށް އިންޒާރުދީ، ފުރާނައަށް ގެންލުން ދޭނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއީ އިސްލާމީ ރިވެތި އުސޫލު ކަމަށް އެ ޖަމިއްޔާއިން ނުދެކޭ ކަމަށާއި އެފަދަ ރިޕޯޓަކާމެދު ހިތްހަމަނުޖެހުމެއް އުފެދިއްޖެނަމަ، ސުލްހަވެރިކަމާއެކު އެކަމެއް ރަނގަޅު ކުރުމަށް ނަސޭހަތްތެރި ވުމަށް ވެސް ބަޔާނުގައި އެދިފައިވެއެވެ.
މި ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އިސްލާމިކް މިނިސްޓަރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ރިޕޯޓަކީ އިސްލާމް ދީނުގެ އިތުރުން ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ވާ ރިޕޯޓެއް ކަމަށެވެ. އަދި މި ރިޕޯޓުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަށް ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. މިކަމާ ގުޅިގެން މިއަދު މެންދުރު މި މައްސަލަ ބެލުމަށް އެދި ފުލުހުންނަށް ހުށަހެޅި ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުނިއެވެ.