އިބްރާހިމް ޒަކީ
ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭން މޯލްޑިވް ގޭސް އިން ހަމަ ޖައްސައިފިއެވެ.
ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކޮންމެ މުވައްޒިފަކަށްވެސް އެފުރުސަތު އޮތްކަން އެ ކުންފުނިން އިއުލާންކުރީ، މޯލްޑިވް ގޭސްއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް އެވެ.
އޭނާ ވިދާޅުވީ އެއީ ކުންފުނީގެ މުވައްޒިފުން ކުރަމުންގެންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަމަޖައްސައިދިން ފުރުސަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ހިއްސާއަކީ މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނީގެ ކުރިމަގަކީ ވެސް މުވައްޒިފުން ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކުންފުނީގައި ޓެކްނިކަލް މުވައްޒަފުންގެ މަދުކަން ފާހަގަކުރައްވައި ޝަޒާއިލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ސްކޮލާޝިޕް ދީގެން ފަންނުވެރި މުވައްޒަފުން އުފައްދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މުވައްޒަފުންގެ ކުރިމަގާމެދު ވިސްނަނީ ވަރަށް މަދު ކުންފުންޏަކުން ކަމަށެވެ.
އަދި ސްކޮލާޝިޕްތައް ދީގެން ނަމަވެސް މުވައްޒިފުންނަށް ލިބެންޖެހޭ ތަމްރީންތައް ހޯދައިދޭނެ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭ އެ ކުންފުނީގައި ތިބޭނީ ތަޖުރިބާކާރު ޓެކްނީޝަނުންނާއި މެކޭނިކުން ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލެ ސޭލްސް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ޝަޒާއިލްގެ އިތުރުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝިފާން ވެސް ބައިވެރިވެ ވަޑައިގަތެވެ.