އިސްލާމް ދީނާ ހިލާފު ލިޔުންތަކެއް ޝާއިއު ކުރަމުން އަންނާތީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް(އެމްޑީއެން)އިން 2015ގައި ލިޔުނު އެސެސްމަންޓް ރިޕޯޓެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރެވޭފަދަ ވާހަކަތަކެއް ބަޔާން ކޮށްފައިވެއެވެ. އެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން، އިސްލާމީ ތާރީހުގެ ބައެއް ވާހަކަތައް ކަރިކިއުލަމްއިން އުނި ކުރުމަށްވެސް ގޮވާލާފައިވެއެވެ.
އެކަމާ ގުޅިގެން އެމްޑީއެންއާ ދެކޮޅަށް ފަށައިގެން ކުރިއަށްދާ ކެމްޕެއިނުގައި ދީނީ އިލްމުވެރިންނާއި، ސިޔާސސީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ގިނަ މީހުން އަންނަނީ ޑިމޮކްރަސީ ނެޓްވޯކް އުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެމްޑީއެންއިން ޝާއިއު ކުރި ރިޕޯޓު މިހާރުން މިހާރަށް ނަގަން ޖެހޭ ކަމަށެވެ.
"މިކަން ކަމާބެހޭ ފަރާތްތަކުން ބަލައި، އަވަސް ފިޔަވަޅު އަޅަންޖެހޭ" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖެހުމުގެ ޖާގަ މި ފަސްގަނޑުގައި ދެވިގެން ނުވާނެ ކަމަށެވެ.
ޑިމޮކްރަސީ ނެޓްވޯކުގެ ރިޕޯޓުގައި ޝާއިއު ކޮށްފައިވާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ދީނީ އިލްމުވެރިންވެސް ގެންދަނީ އެ ނެޓްވޯކް ބަންދު ކުރުމަށް ގޮވާލަމުންނެވެ. ޝެއިހު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ލިޔުމަކީ ކީރިތި ޤުރުއާނާ ހަދީޘްއާވެސް ހިލާފު ލިޔުމެއް ކަމަށެވެ. އަދި އެފަދަ އެއްޗެއް ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ލިޔެވިގެން ނުވާނެ ކަމަށްވެސް ޝެއިހު ޒައިދު ވިދާޅުވިއެވެ.
އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާއިރު، އެ ނެޓްވޯކްއިން ދީނަށް ފުރައްސާރަ ކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ބަލަމުންނެވެ.