ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ އޮފިސަރުން ކަރެކްޝަންގައި ތިބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު މާފުށީ ޖަލުގައި ފެށި، ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަންގެ އޮފިސަރުން އެފަދަ އަމަލެއް ކުރުމަކީ ޓޮލަރޭޓް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ޖަލުތަކަށް ގާނޫނީ ގޮތުން ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރެއް ބައިވެރިވެއްޖެކަން ސާބިތުވެއްޖެ ނަމަ، އެ އޮފިސަރެއްގެ ކިބައިގައި ކަރެކްޝަން އޮފިސަރެއްގައި ހުންނަން ޖެހޭ ޝަތުރު ފުރިހަމަ ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުގައި ތިބޭ ކަރެކްޝަންގެ އޮފިސަރުން ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައި ބައިވެރިވުން އޮންނަ ކަމަށް ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވައި އިމްރާން ވިދާޅުވީ ރައްޔިތުންގެ ކުރިމަތީ ކަރެކްޝަންގެ ހައިބަތު ހިފަހައްޓަން ޖެހޭނީ ކަރެކްޝަންގެ މުވައްޒަފުން އަމިއްލައަށް ކަމަށެވެ.
ޖަލުތަކަށް ވަނުން ނުވަތަ ވެއްދުން މަނާ ތަކެތި ކޮންމެވެސް ގޮތަކަށް ޖަލަށް ވައްދާކަމީ ޖަލުތަކުގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ޖަލުތަކުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރަން ބޭނުން ނަމަ ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވަނުން ހުއްޓުވަން ޖެހޭ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ މަސައްކަތު ބައްދަލުވުމަކީ ޖަލަށް ވެއްދުން މަނާތަކެތި މަދުކުރެވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރަން ކުރިއަށްގެންދާ ބައްދަލުވުމެއްކަން މިނިސްޓާރު ފާހަގަ ކުރެއްވިއެވެ. އަދި މަސަައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ތަޖުރިބާއަށް ބިނާކޮށް، މަޝްވަރާކޮށްގެން އެކަމަށް ރަނގަޅު ނިޒާމެއް އެކުލަވައިލުމަށް މަސައްކަތް ކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިއަދު ހެނދުނު މާފުށީ ޖަލުގައި ފެށި މި ބައްދަލުވުމަކީ އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.