އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، އާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމު މިހާރުވެސް އެ ބޭފުޅުން ތިއްބެވި މަގާމުގައި ބެއިތިއްބުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެބޭފުޅުން މިހާރުވެސް ތިއްބެވި މަގާމު ތަކުގައި ބެއިތިއްބުމަށް ފުރަތަމަ ފަހަރަށް މަޖިލީހުން ފާސްކުރީ، މިދިޔަ ދައުރުގައި އަމަލުކުރަންފެށި، މަޖިލީުގެ އާ ގަވާއިދުގެ ދަށުންނެވެ.
މީގެކުރިން އެމަގާމަށް އައްޔަންކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ދޭގޮތަށް ނޯންނަ ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ކުރިއަށްއޮތް ދެ ދައުރުގެ ތެރޭގައި، މަޖިލީހުން އެހެން ގޮތަކަށް ކަނޑަ ނާޅާނަމަ އިއުލާން ކޮށްގެން ކުރިމަތި ލައްވާ ބޭފުޅުންގެ ތެރެއިން އެ ތިން މަގާމަށް ބޭފުޅުން އައްޔަންކުރަން ޖެހެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެވަނީ އެކަމަށް ގޮތެއް ނިންމައިފައެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، އެ މަގާމުގައި ބެހެއްޓުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 59 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއަށް ރުހުން ދޭން ފާސްކުރީ 61 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 59 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމަށް ރުހުން އޮތް ކަމަށްވެސް 59 މެންބަރުން ވޯޓު ދެއްވިއެވެ.
ފިލްޒާ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. 2012 ވަނަ އަހަރުން ފެށިގެން އަމީން އާންމުގެ ނައިބުކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ނިއުޝާ އަމީން އާއްމު ކަމުގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އަދި މުހައްމަދު ހަލީމު ސާޖަންޓް އެޓް އާމްސް ގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.