ތިމާވެށި

ކޮންމެ އަތޮޅަކުން މަދުވެގެން %10 ފަރުގެ ސަރަހައްދު އަދި %20 ޗަކަބިމާއި ކުޅި ހިމާޔަތްކުރަން ނިންމައިފި

އާނިފާ ހުސެއިން ސިރާޖް

ކޮންމެ އަތޮޅަކުން މަދުވެގެން 10 އިންސައްތަ ފަރުގެ ސަރަހައްދު އަދި 20 އިންސައްތަ ޗަކަބިމާއި ކުޅި ހިމާޔަތް ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއޭޕީގެ ތިމާވެށި ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާއިން ފަސް އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ މައިގަނޑު ފަސް ކަމެއް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ކުރިން ކޮންމެ އަތޮޅަކުން މަދުވެގެން 10 އިންސައްތަ ފަރުގެ ސަރަހައްދު އަދި 20 އިންސައްތަ ޗަކަބިމާއި ކުޅީގެ އިތުރުން އެއް ފިނޮޅާއި އެއް ފަޅުރަށް ހިމާޔަތް ކުރުމަށް ހިމަނާފައިވެއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ގޮތުން، ރާއްޖެ ނިސްބަތް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ކުރާ އަަސަރުތައް އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައިކަން ފާހަގަކޮށް އެސްޕީއޭ ގައި ބުނެފައިވަނީ ރަށް ގިރުމަކީ ރަށްތަކަށް ތިމާވެށީގެ ގޮތުން އެންމެ ފާހަގަކުރެވޭ މައްސަލަ ކަމުގައެވެ.

ފަރުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މި ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ފަރު ރުޖޫއަކޮށް ހިމާޔަތް ކުރާނެ ފުރިހަމަ ނިޒާމެއް އަންނަ ފަސް އަހަރުގެ ތެރޭގައި "ޖަޒީރާ ފަރު" ގެ ނަމުގައި ތައާރަފުކުރުމަށްވެސް އެސްޕީއޭ ގައި ސަރުކާރުން ހިމަނާފައިވެއެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.