ޚަބަރު

މަތިވެރި ގެސްޓް ހައުސް ޖާބިރަށް ދިން މައްސަލައިގައި، ކައުންސިލުން ހުށަހެޅި ކަންބޮޑުވުން ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

އއ. މަތިވެރީގައި ހިންގާ ކާސާ މިއާ މޯލްޑިވްސް ގެސްޓްހައުސް،ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދޭން ޓުއަރިޒަމް މިނިސްޓްރީއިން ނިންމި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމިޓީން މި މައްސަލަ ބަލަން ނިންމާފައިވަނީ، އެކަމާގުޅިގެން މަތިވެރީ ކައުންސިލުން އެ ކޮމިޓީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަތިވެރީ ކައުންސިލުން ފޮނުއްވި ސިޓީއާ ގުޅިގެން މިއަދު 12:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ކައުންސިލް މެންބަރުންނާ ކޮމިޓީން ބައްދަލުކުރަން ހަމަޖެހިފައިވާ ކމަށެވެ.

އއ. މަތިވެރީގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދީފައި ވަނީ ސެޕްޓެމްބަރު މަހުގެ 29 ހުގަ އެވެ.

މިކަމާގުޅިގެން އެ ރަށު ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީރު އެކަންކުރައްވާފައިވާ ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް މަތިވެރި ކައުންސިލުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފަ އެވެ.

މި މައްސަލައިަގައި ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މައްސަލަ ޖެހިފައިވާއިރު، މަތިވެރި ކައުންސިލުން ބުނަނީ، މަތިވެރި ގެސްޓްހައުސް ތަކަކީ، އެރަށު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި އެތަން ޓޫރިޒަމް މިނިސްޓްރީ އަށް ކުއްޔަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނަނީ، އެ ބިމަކީ ޓުރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބިމެއް ކަމަށާއި އެ ބިމަށް ބާރު ހިނގާނީ އެ މިިިސްޓީއަށް ކަމަށެވެ.

މި މައްސަލައިގެ ޝަކުވާއާއިގެން މަތިވެރި ކައުންސިލުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާވެސް ބައްދަލުކޮށްފައެވެ.