އިބްރާހިމް ޒަކީ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިިމެނެނީ، އަލްއުސްތާޒު ޝުއައިބު އަބުދުއްރަހުމާން ދަފްތަރު 1188، އާއި ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު ވ. ދިވެތި، އާއި ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ތިލަދޫ ހއ.ދިއްދޫ، އާއި ހައްވާ ލީޝާ ގ. ތުނޑިވެލި އެވެ.
އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަމަވެސް އެކަމަށް ފުރަތަމަ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވީ ކުރިން އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ފަހުން އެ ނަންފުޅުތައް މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަގުލު ވުމުން، އެ މަޖިލީހުން ވަނީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ކުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވައިފައެވެ.
މިއަދު މަޖިލީހަށް ހުށަހެޅުމުން، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަމަކީ ދެވަނަ ފަހަރަށް ރައީސް އޮފީހުން ހުޅުވާލެއްވި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނެވެ.