ޚަބަރު

އެކްޝަން ޕްލޭންގައި ނުގަބޫލު ކަންކަން ހުއްޓަސް، އެއްބާރުލުން ދެއްވާ: ރައީސް

މުހައްމަދު ސިމާއު

ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ނުގަބޫލު ކަންކަން ހުއްޓަސް، އެކަންތައް ތަންފީޒު ކުރުމުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ އެސްއޭޕީ ލޯންޗުކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކްޝަން ޕްލޭންގައި ކަންކަން ކުރާނެ ގޮތް ލިޔެވި، ވަގުތު ކަނޑައެޅި، ތަރުތީބު ކުރެވިފައިވާނެ ކަމަށެވެ.

އަދި އެއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނަކާއި މުއައްސަސާތަކާ ވާހަކަދެކެވިގެން ލިިޔެވިފައިވާ ކަންތައްތަކެއް ކަމުން، އޭގައި ތިމާއަށް އެންމެ ރަނގަޅު ގޮތް ނެތް ނަމަވެސް، އެކަންތައްތައް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިނުގަތުމަށް ރައީސް އެދިވަޑައިގަތެވެ.

"މިކަމުގައި ފަހަރުގައި މީގަ ހުރެދާނެ ބައެއް ބޭފުޅުން ނުގަބޫލު ކަންތައްތައް. ބައެއް ބޭފުޅުން ބޭނުންނުވާ ގޮތަށް ލިޔެވިފައިހުރި ކަންތައްތައް. އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ ހުރިހާ ވަޒީރުންނާއި ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ މުވައްޒަފުން މިކަންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ދެއްވުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ލޯންޗުކުރި އެކްޝަން ޕްލޭންގެ މައިގަނޑު ދެ ކަމެއް އެބައޮތް ކަމަށެވެ. ފުރަތަމަ ކަމަކީ ކުރަންވީ ކަންތައްތަކާއި ތާރީހާއި ފައިސާ ހޯދާނެ ގޮތާއި އެކަން ނިންމަންވީ ތާރީހު، ތަރުތީބު ކުރެވި ލިޔެވިފައި އޮތުން ކަމަށެވެ.

އަދި އެކަންތައްތައް އޭގައި އޮތް ގޮތަށް ކުރުމަކީ ކެބިނެޓް ވަޒީރުންގެ ޒިންމާއެއް ކަމަށާއި އެކަންކަން ކުރެއްވިއްޖެނަމަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުންވީ ވައުދުތައް އޮންނާނީ ފުދިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެކްޝަން ޕްލޭނުން ލިބޭ އަނެއް މުހިންމު ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެގޮތުން އޭގައި ހުރި ކަންތައް އޮތް ގޮތަށް ކުރޭތޯ ބެލުމަށް ފަސޭހަވެ، ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް އަދި ކޮންމެ ފަރުދަކަށް ސަރުކާރާ ސުވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރައްޔިތުންނަށް ކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރުގެ އިތުރުން ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުން ވެސް ކަންތައްތަކެއް ކޮށްދޭންޖެހޭ ކަމަށެވެ.

"އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހި ވަޑައިނުގަތް އަޅުގަނޑުމެންނާއެކީގައި ކުރިއަށް ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިރޭ ލޯންޗުކުރި އެސްއޭޕީއަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯކް ހިމެނޭ ޕްލޭނިން ޑޮކިއުމަންޓެކެވެ.

މި އެސްއޭޕީގައި ސަރުކާރުގެ މެނިފެސްޓޯ ވައުދުތަކާއި އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މުހިންމު މަސައްކަތްތައް ހިމަނާފައިވެއެވެ.

އެގޮތުން އެސްއޭޕީގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގައި އިސްކަންދޭ ކަންތައްތައް ތަންފީޒުކުރުމާއި އޭގެ ނަތީޖާ ސާސިލްކުރެވޭ މިންވަރު ދެނެގަނެ، ކުރިއަށްދާ މިންވަރު ބެލުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.